ރިޕޯޓް

އަލިފާނުގެ ހާދިސާތަކުން ކުރިމަތިވާ ނުރައްކާ މާލޭގައި ބޮޑު!


މާލޭގައި މީހުން އާބާދުވެފައިވާ ގޮތާއި، ޢިމާރާތްތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު އަލިފާނުގެ ޙާދިސާތައް ކުރިމަތިވުމުގެ ފުރުޞަތާއި، އެފަދަ ޙާދިސާތަކުން ލިބޭ ގެއްލުން ޢާންމު ޙާލަތައްވުރެ އެތައް ގުނައެއް ބޮޑުވުން އެކަށީގެންވެއެވެ. މާޒީގައި ހިނގާފައިވާ އެފަދަ ޙާދިސާތަކުން އެކަން ހާމަވެގެންދެއެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފަރުދީ ފެންވަރުގައި އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ، އަދި އެފަދަ ޙާދިސާތަކަށް ޢާންމުން ހުށިޔާރުވެތިބުން ވަރަށް މުހިންމެވެ. img:http://s3.psmnews.mv/images/660x400/6063.jpg|މާލޭގެ ބައެއް އިމާރާތްތައް - ފައިލް ފޮޓޯ: ޕީއެސްއެމް

ވޭރުވެދިޔަ 10 ވަރަކަށް އަހަރަށް ބަލާލާއިރު އަލިފާނުގެ ބޮޑެތި ޙާދިސާތަކެއް މާލޭގައި ހިނގާފައިވެއެވެ. މީގެތެރެއިން ގިނަ ޙާދިސާތަކުގައި ޢާންމުންގެ މުދަލާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މާލޭގައި ޢިމާރާތައް ބިނާކުރެވިފައިވާ ގޮތުން އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ލިބޭ ގެއްލުން ޢާންމު ޙާލަތައްވުރެ ބޮޑުވުން އެކަށީގެންވެއެވެ. ސަބަބަކީ މާލޭގައި ޢިމާރާތްތައް ހުންނަކީ އެއް އިމާރާތް އަނެއް ޢިމާރާތާ އިންވެގެން ކަމުގައި ވުމާއި، ބްލޮކްގެ މެދުތެރެއަށް ވާގޮތަށްވެސް ބައެއް ގެތައް ޢިމާރާތްކޮށްފައި ހުރުމެވެ. އަދި ގުދަންތަކާއި، ގަރާޖްތަކާއި ވޯކްޝޮޕް ފަދަ ތަންތަން ޢާންމުން ދިރިއުޅޭ ޢިމާރާތްތަކުގައި، ނުވަތަ އެ އިމާރާތްތަކާއި އިންވެގެން ހުރުމަކީވެސް އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުން ބޮޑުވެދާނެ ސަބަބެކެވެ. އޭގެ އެއް މިސާލަކީ ދާދިފަހުން މަޖީދީމަގުގައި ހުންނަ ކޯސްޓްލައިން ހާރޑްވެއަރގައި ހިނގި އަލިފާނުގެ ހާދިސާއެވެ. img:http://s2.psmnews.mv/images/660x400/14586424700547.jpg|ފްލެޓްގައި ރޯވި އަލިފާން ނިއްވުމަށް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

ބްލޮކްގެ މެދުތެރޭގައި ހުންނަ ގުދަނެއް ނުވަތަ ގެއެއްގައި ހިނގާ އަލިފާނުގެ ޙާދިސާއެއް ކޮންޓްރޯލް ނުކުރެވިއްޖެނަމަ މުޅި ބްލޮކަށް އަލިފާންގަނޑު ފެތުރުމުގެ ފުރުޞަތު ބޮޑުކަން އެ ހާދިސާއިން އެނގިގެންދެއެވެ. މާލޭގައި ހިނގި އަލިފާނުގެ ބޮޑެތި ޙާދިސާތަކަށް ބަލާލާއިރު ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ 2011 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހު ހ. އޯކިޑް ގޭގައި އަލިފާން ރޯވެ 2 މީހުން މަރުވި ހާދިސާއެވެ. އޭގެ ފަހުން ހިނގި އެކި އަލިފާނުގެ ޙާދިސާތަކުގައިވެސް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ތަކެއްޗާއި މުދަލަށް އަގުނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ދިރިއުޅުމުގައި ކުރި މަސައްކަތް އެއްކޮށް އަނދާ ހުލިވެފައިވެއެވެ. img:http://s1.psmnews.mv/images/660x400/14610497840554.jpg|އަލިފާނުގެ ހާދިސާ ހިނގި ކޯސްޓްލައިން ހާޑްވެއާ ކައިރި ބައެއް ޢިމާރާތްތަކުން މުދާ ބޭރުކުރުން - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މާލޭގައި އަލިފާން ނިއްވުމުގެ ހަރުދަނާ ނިޒާމެއް މީގެ ކުރިން ޤާއިމުކުރެވިފައި ނެތްނަމަވެސް، ސަރުކާރުން ގެންދަވަނީ ފަޔަރ ކޯޑެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި މާލޭގައި ޤާއިމު ކުރައްވާފައިވާ ފަޔަރ ހައިޑްރެންޓް ސިސްޓަމްތައް އަޕްގްރޭޑްކޮށް ކެޕޭސިޓީ މަތިކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ މަތިކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންނެވެ. img:http://s1.psmnews.mv/images/660x400/14766282684323.jpg|މާލޭގައި ބެހެއްޓި ފުރަތަމަ ހައިޑްރަންޓް ސިސްޓަމް، މާފަންނު މަދުރަސާ ކުރިމަތީގައި - ފައިލް ފޮޓޯ: ޕީއެސްއެމް

ތިމާގެ ފުރާނައާއި، މުދާ ރައްކާތެރިކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ ތިމާ އަމިއްލައަށްކަމުން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ފަރުވާކުޑަކޮށްލުމުގެ ސަބަބުން ތިމާ ޢުމުރުދުވަހު ކުރި މަސައްކަތް އަނދައި އަޅިއަށް ވެގެންދިއުން އެކަށީގެންވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ދިވެހިން އެފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އަޅާމިންވަރު ކުޑަކަމެވެ. ބޮޑެތި ޢިމާރާތްތަކާއި، ގުދަންތަކުގައި އަދި އަލިފާންހިފާ ބާވަތުގެ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައިވެސް އެފަދަ ހާދިސާއެއް ހިނގައިފިނަމަ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ ސާމާނު ނުހުންނަކަން ފާގަކޮށްލެވެއެވެ. މިއީ ވިސްނާލަންޖެހޭ ކަންކަމެވެ.

ފަހަކަށް އައިސް މާލޭގައި އަލިފާނުގެ ގިނަ ޙާދިސާތައް ހިނގާފައިވަނީ ގުދަންތަކުގައެވެ. އެފަދަ ގިނަ ހާދިސާތަކަކީ އަލިފާން ހިފާތަނުގައި އެކަށީގެންވާ އަލިފާން ނިއްވާ ސާމާނު ހުރިނަމަ ކޮންޓްރޯލް ކުރެވިދާނެ ހާދިސާތަކެވެ. މިފަދަ ޙާދިސާތައް މަދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މިންވަރު ދެނެގަތުމަށްޓަކައި މާލޭގެ ގުދަންތައް ބަލައި މޮނިޓަރ ކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ގުދަންތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތް މިންވަރާއި، އެފަދަ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިކަމުގެ ފިޔަވަޅު ގުދަނުގެ ވެރިފަރާތުން އަޅާފައިވާ މިންވަރު ބައްލަވާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ގުދަންތަކުގެ އިތުރުން ޢާންމުން ދިރިއުޅޭ ގޭބީސީތަކުގައިވެސް އަލިފާނުގެ ޙާދިސާއެއް ހިނގާފާނެކަމަށް ރައްކާތެރިވެ ތިބެންޖެހެއެވެ. އެގޮތުން ގޭސް އުނދުން ބޭނުން ކުރުމާއި، ކަރަންޓް ބޭނުން ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ކޮންމެ ގޭބީސީއެއްގައިވެސް އަލިފާން ނިއްވާނެ އެއްމެ އަސާސީ ކަންކަން ހަމަޖައްސާފައި ބަހައްޓަންޖެހެއެވެ.