ޚަބަރު

ޒަމްޒަމް ޤްރޫޕުގެ 43 މީހަކު ޢުމްރާއަށް ފުރައިފި


ދިމާވި އެކިއެކި މައްސަލަތަކާ ހުރެ ޢުމްރާއަށް ނުފުރިފައި ތިބި އަމިއްލަ ޖަމާޢަތްތަކުގެ މީހުންގެ ތެރެއިން ޒަމްޒަމް ގްރޫޕްގެ 43 މީހުން މިއަދު ޢުމްރާއަށް ފުރައިފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ޢުމްރާއަށް ނުފުރިތިބި މީހުން ޢުމްރާއަށް ގެންގޮސްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވަނީ ޤައުމި އެއަރލައިން މޯލްޑިވިއަން މެދުވެރިކޮށެވެ. އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ، މޯލްޑިވިއަން މެދުވެރިކޮށް ޤަތަރު އެއާރވޭސްއިން ޒަމްޒަމް ގްރޫޕްގެ 43 މީހަކު މިއަދު ޢުމްރާއަށް ފުރާފައިވާ ކަމަށެވެ. އަދި ބާކި ނުފުރި ތިބި އަސްކޮއި ގުރޫޕްގެ 39 މީހުން މާދަމާ ހެނދުނު ޤަތަރު އެއާރވޭސްގެ ފްލައިޓުން ފުރުމަށް ހަމަޖެހިފައިވާ ކަމަށް ހާރިސް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14808508870681.jpg|ސަރުކާރުން ހަމަޖައްސަވައިދެއްވި ޗާޓަރު ފްލައިޓްގައި އިއްޔެ ޢުމްރާއަށް ފުރި މީހުން / ފޮޓޯ: ޕީއެސްއެމް

ހާރިސް ވިދާޅުވީ މާދަމާގެ ނިޔަލަށް މިއަހަރު ރާއްޖެއިން އުމްރާއަށް ދިއުމަށް ހަމަޖެހިފައި ތިބި އެންމެން އުމްރާއަށް ގޮސް ނިމޭނެކަމަށެވެ. އެކި އެކި ސަބަބުތަކާހުރެ އުމްރާ ނުފުރިފައި ތިބި މީހުންގެ ތެރެއިން 199 މީހަކު އިއްޔެ ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ޢުމްރާއަށް ގޮސްފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ޖަމާޢަތްތަކުގެ ޙަވާލުގައި މިއަހަރު 1000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވެއެވެ.