ޚަބަރު

މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާއަށް 2 އަހަރު


ދިވެހިން، ދިވެހިންގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދެނީ ދިވެހިންގެ އެއްބައިވަންތަކަމުންނެވެ. ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަން ތާރީޚު ހެކިދެއެވެ. ފަހުގެ ތާރީޚުގައި މިކަން އެންމެ ބޮޑަށް ފެނިގެންދިޔަ ކާރިސާއަކީ ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގައި ހިނގާދިޔަ އަލިފާނުގެ ކާރިސާގައި މުޅި މާލެއިން ފެނުގެ ޚިދުމަތް ކެނޑިގެންދިޔަ ދަނޑިވަޅެވެ. 

04 ޑިސެމްބަރު 2014 ވީ ބުރާސްފަތި ދުވަހު އެމްޑަބްލިއު އެސްސީގެ އިންޖީނެއްގައި އަލިފާން ރޯވުމާއެކު އެމްޑަބްލިއު އެސްސީގެ މާލޭގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ. އަދި ދިމާވި އެ ކާރިސާއާއެކު ހަފްތާއަކަށްވުރެ ގިނަ ދުވަހަށް މާލެ ފެނަށްޖެހިގެންދިޔައެވެ. ފިހާރަތަކުން ވިއްކަމުންދިޔަ ފެނުގެ އަގު އުފުލި ފިހާރަތުންވެސް ފެން ހުސްވެގެންދިޔައެވެ. މިއީ ކާރިސާއެއްކަމަށް ނިންމަވައި ސަރުކާރުން އެކަން އެދުވަހު އިޢުލާންކުރެއްވިއެވެ.

އެންމެ ފުރަތަމަވެސް ދިވެހި ސަރުކާރުގެ ފަރާތުން ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުންނަށް ފެން ބަހަންފެށްޓެވިއެވެ. މިކަމަށްޓަކައި ޚާއްޞަ ޓާސްކުފޯހެއް ސަރުކާރުން އެކުލަވާލައްވައި، ސްކޫލުތަކާއި މާލޭގެ އެކި ސަރަޙައްދުތަކުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސެވިއެވެ. މި ކާރިސާގައި އަވައްޓެރި ދައުލަތްތަކާއި ޤައުމުތަކުން ރާއްޖެއަށް ވަރަށް ބޮޑެތި އެހީތެރިކަމެއްވެދިނެވެ. އެ ޤައުމުތަކުން ފެން ހިފައިގެން މަނަވަރުތަކާއި، ފްލައިޓްތައް ރާއްޖެއަށް ފޮނުވިއެވެ. ފެނުގެ މައްސަލަ ޙައްލު ވަންދެން އެކި ޒަރޫރީ ބޭނުންތަކަށް ފެން ލިބޭނެ އިންތިޒާމު ވަރަށް ފުރިހަމަ ސަރުކާރުން ހަމަޖައްސަމުން ގެންދެވިއެވެ.

img:http://s3.psmnews.mv/images/660x400/6870.jpg|މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާއާ ގުޅިގެން ފެން ފޯރުކޮށްދިނުމަށް ބެހެއްޓި އިސްކުރުބަރިއެއް / ފޮޓޯ: ޕީއެސްއެމް

މާލެއިން ފެން ކެނޑިފައިވާ އެ ދަނޑިވަޅުގައިވެސް ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑުނުތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އެމައްސަލަ ޙައްލުކޮށްދެއްވިއެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދެއްވުމަށްޓަކައި ޕްލޭންތަކެއް އެކަށައަޅުއްވާ އިޢުލާންކުރެއްވިއެވެ. މިފަދަ ފެނުގެ ކާރިސާތަކުން ސަލާމަތްވެ ފެނުގެ ތާށިކަން ކުޑަކުރުމަށް ސަރުކާރުން އަލަށް ހަދާ ބޮޑެތި ޢިމާރާތްތަކާއި، ތާނގީ ބަހައްޓަން ނިންމާފާވާކަން ސަރުކާރުން އިޢުލާންކުރައްވާ ގެންދަވަނީ އެކަމުގެ މަސައްކަތް ކުރައްވަމުންނެވެ.

މާލޭގެ ފެނުގެ ކާރިސާއަށް ދެއަހަރު ފުރިގެން ގޮސްފައިވާއިރު، އެމްޑަބްލިއުއެސްސީން ވެސް ވަނީ މުހިންމު މަސައްތްތަކެއް ކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14742766753176.jpg|އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު- ފޮޓޯ: ޕީއެސްއެމް

އެމްޑަބަލްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ސަރުކާރާއި ރައްޔިތުންނާއި، އަދި ކުންފުނީގެ މުވައްޒަފުންގެ އެއްބާރުލުމާއެކު އެ ކާރިސާއިން އަރައިގަނެވިފައިވާ ކަމަށެވެ. ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މާލޭގެ ދެ ސަރަޙައްދެއްގައި، ފެން ރައްކާކޮށް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމްތަކެއް ވަނީ ހަމަޖައްސަވާ އެކަމުގެ ޢަމލީ މަސައްކަތް ފަށްޓާވާފައެވެ. ފަޒުލް ވިދާޅުވީ، މިމަސައްކަތް މި ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ފަޒުލް ވިދާޅުވީ، ފެނުގެ ކާރިސާ ހިނގިއިރު އެކުންފުނި އޮތީ ވަރަށް ނާޒުކު ޙަލަތެއްގައި ކަމަށާއި، އެއިރަށްވުރެ މިހާރު އެތައް ގުނައެއް ކުނފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

މިފަދަ ކާރިސާތައް ތަކުރާރުވިޔަ ނުދެއްވުމަށް ދެވަނަ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ނިންމަވާފައިވަނީ މާލެއާއި ހުޅެލެއާ ދެމެދު އަޅުއްވާ ބްރިޖުން މާލެ ސަރަޙައްދުގެ ފެނުގެ ވިއުގަ ގުޅާލައްވައި ފެން އުފައްދާ ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރެއްވުމެވެ.

މީގެ 2 އަހަރު ކުރިން މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއިން ލިބުނު ޢިބުރަތަކީ އަސާސީ މިފަދަ މުހިންމު ޚިދުމަތްތައް ލިބޭނެ ނިޒާމްތައް ވަރުގަދަކޮށް، އެއް ނިޒާމަށްވުރެ ގިނަ ނިޒާމް ޤާއިމްކޮށް، ކާރިސާތަކުގެ ގެއްލުން ކުޑަވާނެ ގޮތްތައް ހަމަޖެހިފައި ހުރުމުގެ މުހިންމުކަމެވެ. އަދި ޤައުމާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ފައިދާ ބޮޑުކަމެވެ.