ޚަބަރު

2016 ވަނަ އަހަރު 43 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމެވި


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ދައުރުގައި ޖުމްލަ 47 ބިލެއް ތަޅުމަށް ހުށައަޅުއްވައި 43 ބިލެއްގެ މަސައްކަތް ނިންމަވާފައިވާކަމަށް މަޖިލީހުގެ 2016 ވަނަ އަހަރުގެ ޚުލާޞާ ރިޕޯޓުން ދައްކައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ދައުރުގައި، ކުރީ އަހަރުތަކުގައި ނުނިމިހުރި ބިލްތަކާއެކު ޖުމްލަ 47 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށައަޅާ ބަހުސް ކުރައްވާފައިވެއެވެ. އޭގެތެރެއިން 43 ބިލެއްގެ މަސައްކަތް މުޅިން ނިންމަވާފައިވާއިރު، ކޮމިޓީ މަރުޙަލާގައި އަދިވެސް ނުނިމި 4 ބިލެއްގެ މަސައްކަތް އެބައޮތެވެ. މަޖިލީހުގެ ތަޅުމަށް 3 ޤަރާރެއް ހުށައަޅުއްވައި އެޤަރާރުތަކާމެދު ވަކިގޮތެއް ނިންމަވާފައިވާއިރު، ސަރުކާރުން ވަނީ ޖުމްލަ 50 މައްސަލައެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. އެހުރިހާ މައްސަލައެއް މަޖިލީހުން މިއަހަރުގެ ތިން ދައުރުގެ ތެރޭގައި ނިންމަވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14714259563906.jpg|ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފައިލް ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރައްވާ ސަރުކާރުން ހުށައެޅުއްވި ބަޖެޓާމެދު ގޮތެއް ނިންމަވައި ފާސްކުރައްވާފައިވާއިރު، މެމްބަރުން ހުށައެޅުއްވި 6 މައްސަލައަކާމެދުވެސް ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާފައެވެ. އަދި ރިޔާސަތުން 2 މައްސަލެއް ހުށައަޅުއްވާފައިވާއިރު އެ މައްސަލަތައްވެސް މަޖިލީހުން ވަނީ ނިންމަވާފައެވެ. 2016 ވަނަ އަހަރު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިނިސްޓަރުން މަޖިލީހުގެ ތަޅުމަށް ޙާޟިރުކުރައްވައި 52 ސުވާލެއް ކުރައްވާފައިވެއެވެ. އަދި އެހެނިހެން މައްސަލަތަކާ ގުޅޭ 4 ރިޕޯޓެއް ހުށައަޅުއްވައި ނިންމަވާފައިވެއެވެ.

2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އުފެއްދުންތެދރިކަމުގެ ނިސްބަތަކީ 97.6 އިންސައްތައެވެ. ނުނިމި ހުރި މަސައްކަތުގެ ނިސްބަތަކީ 2.4 އިންސައްތައެވެ.