ޚަބަރު

ކައުންސިލް އިންތިޚާބު ފަސްކުރުމަށް ކުރި ޙުކުމް އިސްތިއުނާފްކޮށްފި


އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން ކުރެއްވި ޙުކުމް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓްގައި މިއަދު އިސްތިއުނާފް ކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ސިވިލްކޯޓުގެ ޙުކުމް ހައިކޯޓްގައި މިއަދު އިސްތިއުނާފް ކުރައްވާފައިވާ ކަމަށާ، އަދި އެކޮމިޝަނުން ކުރިންވެސް ނިންމަވާފައިވާ ފަދައިން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ހުއްޓާ ނުލައްވާ ކުރައްވަމުންދާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރައްވާފައިވާ ޙުކުމްގައި ވިދާޅުވެފައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޙާބަކީ، އެ އިންތިޚާބުގައި ވާދަކުރާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުން އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިތުރު ވަގުތު ލިބެންޖެހޭކަމެއް ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅުއްވާފައިވާ ތާރީޙަށް ބަދަލުގެންނަވަންޖެހޭ ކަމަށެވެ.

ސިވިލްކޯޓުން މިގޮތަށް ނިންމެވީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއިން ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. އެ މައްސަލާގައި ޝަރިޢަތުން ނިންމަވާފައިވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށްވާއިރު އެ ޕާޓީއަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން އިންތިޚާބަށް ތައްޔާރުވުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިޚާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަރީޢަތުން ފާހަގަކުރައްވާފައިވެއެވެ.

ޕީޕީއެމަށް ދިމާވި ހާލަތަކީ އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ޟަރޫރީ ހާލަތެއް ކަމަށާއި އެހެންވެ، އިންތިޚާބު ބާއްވަން މިހާރު ކަނޑައަޅާފައި އޮތް ތާރީޚަށް ވުރެ ދެ މަސް ދުވަސް ފަހުން އެ އިންތިޚާބު ބާއްވަން އަމުރުކުރާ ކަމަށް ސިވިލްކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ޕީޕީއެމުން ސިވިލްކޯޓުގައި އެދުނީ އެޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ މައްސަލައް ޙައްލުކުރުމަށް ޕާޓީގެ ޢާއްމު މެމްބަރަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހު ޕާޓީގެ ހިންގެވުން އެޕާޓީގެ މުސްތަޝާރާ ޙަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުސްތަޝާރު ޕާޓީއާ ޙަވާލުވީއިރު، އެ ޕާޓީގެ މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ. އޭގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ މެމްބަރުން ހުށަހެޅި ފޯމުތައްވެސް ހިމެނޭކަމަށް އެޕާޓީން ބުނެއެވެ.