ޚަބަރު

މަޖިލީހުގެ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 15 މެމްބަރުން


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެފަހު ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 15 މެމްބަރުން ކަމަށް މަޖިލީހުގެ ހާޟިރީ ރިޕޯޓުން ދައްކައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގައި 16 ޖަލްސާ ބާއްވަވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުން ޢާންމު ކުރައްވާފައިވާ އެންމެ ފަހު ދައުރުގެ މެމްބަރުންގެ ޙާޟިރީ ރިޕޯޓް ދައްކާގޮތުގައި މި ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 15 މެމްބަރުންނެވެ.

އެ މެމްބަރުންނަކީ:

1- ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު

2- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

3- މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު

4- ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު

5- މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު

6- ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދު

7- އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު

8- ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަލީ

9- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ

10- ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޟް ރަޝީދު

11- ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޙުސައިން މަނިކު ދޮންމަނިކު

12- ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް ޢުޘްމާން

13- ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު

14- ފުވައްމަލަކު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ މަސީޙު މުޙައްމަދު

15- ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ

ތިންވަނަ ދައުރުގައި އެންމެ މަދުން މަޖިލީހަށް ޙާޟިރުވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އެއްވެސް ޖަލްސާއަކަށް ވަޑައިނުގަންނަވާ ޙާޟިރީގެ އެންމެ ފުލުގައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފެވެ. މަޚްލޫފް ގެންދަވަނީ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެން އެންމެ މަދުން މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. ސިޔާމް ވަޑައިގަތީ ދެ ޖަލްސާއަށެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވަޑައިގަތީ ފަސް ޖަލްސާއަށެވެ. އެގާރަ ޖަލްސާގައި ހުންނެވީ ސަލާމުގައެވެ.

ދެން އެންމެ މަދުން ވަޑައިގެންވި މެމްބަރުންގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދާއި، ފެލިދޫ ދާއިރާގެ މެމްބަރު އަޙުމަދު މަރުޒޫޤު ހިމެނިވަޑައިގަންނަވައެވެ. މި ދެ މެމްބަރުންވެސް ވަޑައިގަތީ 16 ޖަލްސާގެ ތެރެއިން ހަތް ޖަލްސާއަށެވެ. 9 ޖަލްސާއަށް ވަޑައިނުގަންނަވައެވެ.

މަޖިލީހުގެ މެމްބަރުން ދެމަސް ދުވަހުގެ ޗުއްޓީއަކަށް މިހާރު ވަޑައިގެންފައިވާއިރު ދެން ޖަލްސާތައް ފެށޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.