ތިމާވެށި

ވައިން ކަރަންޓް އުފެއްދުމުގެ އަމަލީ މަސައްކަތް ފަށަނީ


ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ އިތުރު ވަސީލަތްތައް ހޯދުމުގެ ދިރާސާތަކެއް ރާއްޖޭގައި ކުރިއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ހިންގި ވައިން ކަރަންޓް އުފެއްދުމުގެ ދިރާސާއެވެ. މި ދިރާސާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން ވިދާޅުވީ، ގާތްގަނޑަކަށް ދޮޅު އަހަރުދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިދިރާސާގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ވައިޖެހޭ މިންވަރު ބަލައިފައިވާކަމަށެވެ. ދެރަށެއްގައި ވިންޑް ޓާރބައިން ޖެހުމުގެ މަސައްކަތް ޢަމަލީ ގޮތުން އަންނަ އަހަރު ފެއްޓެވުން ވެގެންދާނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރަށް ތަރައްޤީވެގެންދާނެ ކަމެއްކަމަށް މަތީން ވިދާޅުވިއެވެ.

" ވޭތުވެދިޔަ ދެތިން އަހަރު ސަރުކާރުން ކުރެއްވި މަސަތްކަތުން އިޔާދަ ކުރުވަނިވި ހަކަތައިގެ އިތުރު ވަޞީލްތަތަށް ބޭނުން ކުރެވޭނެ ކަމަށް މިވަނީ ޔަޤީންވެފަ، އެގޮތުން އަޅުގަނޑުމެން ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ވޭތުވެދިޔަ ދޮޅުއަހަރެންހާ ދުވަހު ވައިޖެހޭ ގޮތާއި މިންވަރު ބަލާ ދިރަސާކުރެވިފައިވޭ . " ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވިއެވެ. 

ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ ދިރާސާތަކުގެ ތެރޭގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށްވެސް މަތީން ވިދާޅުވިއެވެ.

"ތިންވަނަ ޓެކްނޮލޮޖީ އެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދަނީ ކުނިން ކަރަންޓް އުފެއްދުމުގެ ޓެކްނޮލޮޖީ ، އެއީ ރ  އަތޮޅު ވަންދޫގައި މިފަދަ ނިޒާމެއް ޤާއިމް ކުރުމަށް މިހާރުވަނީ ބިޑު ކުރެވި އޭގެ ފަހު މަރުޙަލާއަށް އައިސްފަ" ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އޮއިވަރާއި ދިޔަވަރު ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ހުރި މިންވަރު ބެލުމަށްޓަކައި ދިރާސާއެއް ވަނީ ފަށާފައެވެ. އިޔާދަ ކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ކުރަމުންދާ މިދިރާސާތަކުގެ ހެޔޮ ނަތީޖާ ލިބި، އަންނަ އަހަރު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ޢަމަލީ ގޮތުން ފެށިގެންދާނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.