ޚަބަރު

ހުޅުމާލެ ބަނދަރުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ- އެމްޕީއެލް


މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ހުޅުމާލެއަށް ބައެއް ކޮންޓެއިނަރތައް ބަދަލުކުރަން އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ކަނޑުމަގުން ކްލިއަރ ކުރާ މުދާ އެއްކޮށް ހުޅުމާލެ ޓާރމިނަލުން ކްލިއަރ ކުރެވޭނެ އިންތިޒާމް ވެސް ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ހަމަޖެހިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ހުޅުމާލެ ބޮންޑް ފެސިލިޓީސް އިތުރަށް ބޮޑުކޮށް ހުޅުމާލޭގެ ލޯކަލް ބައިގައި ކޯލްޑް ސްޓޯރޭޖްތަކެއް ބަހައްޓާ އެތަންތަން ހެޔޮ އަގެއްގައި ވިޔަފާރި ވެރިންނަށް ކުއްޔަށް ދެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރަށް ވިޔަފާރި ވެރިން ގެންނަ މުދާތައް ވަގުތީ ގޮތުން ބެހެއްޓޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ވެއަރ ހައުސް ތަކެއްވެސް ޤާއިމް ކުރެވޭނެކަމަށާއި މީގެ ސަބަބުން ވެއަރ ހައުސް ތަކާއި އަދި ކޯލްޑް ސްޓޯރޭޖުން މާލޭގެ ގުދަންތަކުގެ ޑިމާންޑް ކުޑަވެގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ. މިކަމާއެކު ތަކެތީގެ އަގުތައްވެސް އެކަށީގެންވާ މިންވަރަކަށް ތިރިވެގެން ދާނެ ކަމަށާއި މާލޭގެ ޓްރެފިކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14807478069256.jpg|އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުންނަވައިގެން އެމްޕީއެލްގެ ސީއީއޯ ޖުނައިދު ނޫސްްވެރިންނަށް މަޢުލޫމާތު ދެއްވަނީ

އެކުންފުނިން ވަނީ ކަނޑުމަގުން މުދާ ކްލިއަރ ކުރާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ޓާރމިނަލުން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައެވެ. އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ ހުޅުމާލެ އަށް ކޮންޓެއިނަރތައް ބަދަލުކުރި ނަމަވެސް އެ ސަރަައްދު ބޭނުންކުރާނީ މުދާ ދޫކުރާތަނެއްގެ ގޮތުގަައިކަމަށެވެ.

މިގޮތަށް މިބަދަލުގެނައުމާއި އެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެކަން ޖުނައިދު ފާހަގަކުރެއްވިއެވެ. މިގޮތުން ދުއިސައްތަ އަށްޑިހައަށްވުރެ ގިނަ ވަޒީފާ އިތުރުވާނެކަމަށް ޖުނައިދު ވިދާޅުވިއެވެ.

އެމް.ޕީ.އެލް އިން ވަނީ މި ތިން އަހަރުގެ ތެރޭ އެއްހާސް އެއްސަތޭކަ އަށްޑިހަ މުއައްޒަފުންނަށް ވަޒީފާގެ ފުރުޞަތު ދީފައެވެ.