ދީން

90% މީހުން މުދަލު ޒަކާތް ނުދައްކާ!


ރާއްޖޭގައި ތިބި މުދަލު ޒަކާތް ދައްކަންޖެހޭ މީހުންގެ ތެރެއިން ޒަކާތް ދައްކަމުން އަންނީ އެންމެ %10 މީހުންކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ހާމަކުރައްވައިފިއެވެ. ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން މަދުކަމުން، އެކަމާ ހިތާމަފާޅުކުރައްވައި އެމަނިކުފާނު ވާހަކަފުޅުދެއްކެވީ، ތެލެސީމިއާގެ ފަރުވާއަށް ބޯންމެރޯ ހަދަން ޒަކާތު ފަންޑުން އެހީދެއްވަން ހަމަޖެއްސެވި ކުދިންތަކަކަށް އެހީގެ ލިޔުން ޙަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއި ދިވެހިންގެ ތެރެއިން މުދަލު ޒަކާތް ދެއްކުން ވާޖިބުވެގެންވާ އެންމެ މުދަލު ޒަކާތް ދެއްކުމަށް ބާރުއެޅުއްވުމަކީ ސަރުކާރުން އަބަދުވެސް ކުރައްވަމުން ގެންދަވާކަމެކެވެ. ރާއްޖޭގައި ދީނީ ޢިލްމުވެރިން މިކަމުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރެއްވުމަށް ތަކުރާރުކޮށް ތަޤްރީތުތަކުގައި މިކަމާމެދު ވާހަކަދައްކަވަމުން ގެންދަވައެވެ.

ޒަކާތް ނެރުން ވާޖިބުވަނީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން އެއްއަހަރު ފުރުމުންނެވެ. މުދަލުގެ ޒަކާތުގެ މިހާރުގެ ނިޞާބަކީ 4212.60 ރުފިޔާއެވެ. ޒަކާތަށް ނެރެންޖެހެނީ، ނިޞާބު ހަމަވެ ހިޖުރީގޮތުން އެއްއަހަރުވެފައިވާ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔަށްވާ މިންވަރެވެ. މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އަންނަ ކޮންމެ ފަހަރަކު އެކަން އިސްލާމިކް މިނިސްޓްރީން ގެންދަވަނީ އިޢުލާންކުރައްވަމުންނެވެ.

img:http://s4.psmnews.mv/images/660x400/14805114668143.jpg|ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 6 ކުއްޖަކަށް ލިޔުން ދެއްވުން - ފޮޓޯ: ޕީއެސްއެމް

މުދަލު ޒަކާތް ދެއްކުން ވާޖިބުވެގެންވާ މީހުން، އެ ޒަކާތް ދެއްކުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން އަންގަމުން ގެންދެވިނަމަވެސް އަދި އެކަމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއާއި މިޑިއާއާއި ޢިލްމުވެރިން ބާރުއަޅުއްވައި، ހޭލުންތެރިކަން އިތުރުކުރައްވަމުން ގެންދެވިނަމަވެސް، އެކަމަށް އެކަށީގެންވާ އިޖާބައެއް ނުލިބޭކަން އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. އެ މިނިސްޓްރީން ވިދާޅުވާ ގޮތުގައި ރާއްޖޭގައި މިހާރު ތިބި މުދަލު ޒަކާތް ދެއްކުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ދައްކަނީ ވަރަށް މަދުވަބައެކެވެ.

މުދަލު ޒަމާތުގެ ފައިސާއިން ބޯންމެރޯ ހެދުމަށް އެހީދެއްވުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މުދަލު ޒަކާތް މިހާރު ދައްކަނީ އެ ޒަކާތް ދެއްކުން ވާޖިބުވެގެންވާ މީހުންގެ ތެރެއިން އެންމެ %10 މީހުންނެވެ. އަދި ޒަކާތުން ކުރައްވާ ހޭދައާއި އެ ހޭދަކުރުން މުހިންމުވެފައިވާ މިންވަރުގެ މައްޗަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްވަމުން، އެ މަނިކުފާނު ވަނީ މިހާރު މުދަލު ޒަކާތް ނުދައްކާ މީހުން ކުރިޔަށް އޮތްތަނުގައި ޒަކާތް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދަލު ޒަކާތް ދައްކާ މީހުން މަދުކަމުގެ މައްޗަށް އެމަނިކުފާނު ހިތާމަ ފާޅުކުރެއްވިއެވެ.

"ވަރަށް ހިތާމަވެރިކަމެއް. އެހެންވީމާ މުޖުތަމަޢުގައި އަދުގެ ސަރުކާރުން މިހާ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭނެ ބަޔަކީ އެ މުޖުތަމަޢުއެއްގައި ތިބި ފޯރުންތެރިކަން ހުރި މީހުން. އެހެންވީމާ އަޅުގަނޑުގެ އަދިވެސް އެއްފަހަރު އިސްތިމާސަކީ މި މަތިވެރި މާތް ރުކުނަށް ޙުރުމަތްތެރިކޮށް ހިތައި ދިވެހި މުޖުތަމަޢުގައި އެކިއެކި އެހީތެރިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޮރުކޮށްދިނުމުގައި ތިބޭފުޅުން ފަސްޖެހި ވަޑައިނުގަތުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14800742403335.jpg|ޒަކާތް ބަލައިގަތުން ކުރިއަށްދަނީ- ފައިލް ފޮޓޯ: ޕީއެސްއެމް

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2014 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 30 މިލިއަން ރުފިޔާއެވެ. 2015 ވަނަ އަހަރު  35 މިލިއަން ރުފިޔާއެވެ. އަދި ހިނގަމުން މިދާ 2016  ވަނަ އަހަރު ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ.

މިހާރު ރާއްޖޭގައި މުދަލު ޒަކާތް ދައްކަނީ އެ ޒަކާތް ދައްކަންޖެހޭ މީހުންގެ %10 ކަމަށްވެފައި އަނެއް %90 މީހުން ޒަކާތް ދައްކާނަމަ، ޒަކާތުގެ ގޮތުގައި، ފަޤީރުންނަށާއި ޒަކާތުގެ ބެހެނިވެރިންނަށް އެކި ކަންކަމަށް ހޭދަކުރުމަށް އަހަރަކު 340 ނުވަތަ 350 މިލިޔަން ރުފިޔާ ލިބޭނެކަމަށް ބެލެވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ބައްސަވަނީ ފަޤީރުންނާއި މިސްކީނުންގެ މެދުގައާއި ފީސަބީލި ﷲ ގެ ގޮތުގައި ހިމެނޭ ކަންކަމަށެވެ. މިގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ޒަކާތުގެ ފައިސާ މައިގަނޑު ގޮތެއްގައި ބައްސަވާފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ދީނީ ހޭލުންތެރިކަމަށާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކަށާއި، ޤުރުއާންގެ ފަންނު ތަރައްޤީކުރުމުގެ އިތުރުން ބޭސްފަރުވާއަށެވެ.

މިއަހަރު ޒަކާތު ފައިސާއިން ޚަރަދުކުރެވުނު ކަންކަމަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ ދީނީ ހޭލުންތެރިކަން އިތުރުކުމުގެ ޙަރަކާތްތައް ހިންގުމާއި އެކަމާގުޅޭ ފޮތްތައް ޗާޕްކުރެއްވުމަށެވެ. އެ ގޮތުން މިކަމަށް 11 މިލިއަން ރުފިޔާ މިއަހަރު ހޭދަކޮށްފައިވެއެވެ. ޤުރުއާންގެ ފަންނު ތަރައްޤީކުރުމަށާއި ޤުރުއާން ކްލާސްތަކާއި މަރުކަޒުތަކަށް 9 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވެއެވެ. އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް 6 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާއިރު، ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ދާ ކުދިންނަށް 5 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވެއެވެ. މީގެ އިތުރުން މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޑޮކްޓަރުން ތަމްރީނުކުރެއްވުމަށްވެސް ހޭދަކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.