ޓުއަރިޒަމް

ޓްރެވަލް އެވޯޑްސް އިރުފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި


އެވޯޑް ހަފްލާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކޮށް، ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާ ތަނެއްގެ ގޮތުގައި އިރުފުށި ރިސޯޓް ހަމަޖައްސައިފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭއަށް ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތިންސަތޭކައާއި ގާތްކުރާ އަދަދަކަށް މީހުން ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. ކުރިން އޮޅުވެލި ބީޗް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑް ހަލްފާ ސަން ސިޔާމް އިރުފުށި ރިސޯޓަށް ބަދަލު ކޮށްފައިވަނީ އެވޯޑް ހަފްލާގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށް ވޯލްޑް ޓްރެވަލް އެވޯޑްސްއިން ހާމަކުރެއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސަރަޙައްދީ އެވޯޑް ހަފްލާތައް މިހާރު ވަނީ ބާއްވާފައެވެ. އަދި ސަރަހައްދީ އެވޯޑްތައް ހޯދާފައިވާ ފަރާތްތަކުން މާދަމާ ބާއްވާ އެވޯޑް ހަފްލާގައި ވާދަކުރާނެއެވެ.

މިއެވޯޑުގައި ރާއްޖެއާއި ރާއްޖޭގެ ރިސޯޓުތައް އެކި ކެޓަގަރީތަކުން ވާދަކުރާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވޯލްޑް ލީޑިންގް ބީޗް ޑެސްޓިނޭޝަން، ލީޑިން ކުރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން، ލީޑިން ޑައިވް ޑެސްޓިނޭޝަން، ލީޑިން ލަނީ މޫން ޑެސްޓިނޭޝަން، އަދި ލީޑިން އައިލެންޑް ޑެސްޓިނޭޝަން ކެޓަގަރީގައި ރާއްޖޭގެ އެކި ރިސޯޓްތަކުން ވާދަކުރެއެވެ.