ރިޕޯޓް

ބޯންމެރޯ ހެދުމުގެ ފުރުޞަތު މިއަހަރު 6 ކުއްޖަކަށް


މިއަހަރު އަހަރު ދައުލަތުގެ ފަރާތުން، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުދެއްވި 6 ކުއްޖަކަށް އެކަމުގެ ލިޔުން ޙަވާލުކުރައްވައިފިއެވެ.

ޒަކާތު ފަންޑްގެ މާލީ އެހީތެރިކަމާއެކު 6 ކުއްޖަކަށް މިއަހަރު ސަރުކާރުން ވަނީ ފުރުޞަތުދެއްވާފައެވެ. ރާއްޖޭގައި ތެލެސީމިއާ ބަލި ޒަމާނުއްސުރެ އުޅޭނެކަމަށް ބެލިފައިވީނަމަވެސް އެބަލި ރާއްޖޭގައި އުޅޭކަން ދެނެގަނެވުނީ 1979 ގައެވެ. ތެލެސީމިއާ މިހާރު ވެފައިވަނީ، ރާއްޖޭގައި އެންމެ ޢާންމު އެއް ބައްޔަށް ވެފައެވެ.

މޯލްޑިވްސް ބްލަޑްސާވިސް އިން ވިދާޅުވާގޮތުގައި މިހާތަނަށް 622  ފަރާތެއް އެ އިދާރާގައި ރަޖިސްޓްރީ ކުރެވި ފަރުވާދެއްވަމުން އެބަގެންދަވައެވެ. މި ލިސްޓަށް 2015 ވަނައަހަރު 22 ކުދިން އިތުރުވެފައިވާއިރު، މި އަހަރު އެކަނިވެސް މިހާތަނަށް 13 ކުދިން ވަނީ މި ލިސްޓަށް އިތުރުވެފައިވެއެވެ. ވޭތުވެދިޔަ 5 އަހަރަށް ބަލާލާއިރު ކޮންމެ އަހަރަކު 25-20 ކުދިން އިތުރުވެފައިވެއެވެ. މިބައްޔަށް އޮތް ވަގުތީ ފަރުވާގެ ޚިދްމަތް ޞިއްޙީ ނިޒާމްގެ ތެރެއިން މިހާރު ދެއްވަމުން ގެންދަވާއިރު، ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ ތެލެސީމިއާގެ ޝިކާރަކަށްވެފައިވާ ކުދިންނަށް ދާއިމީ ފަރުވާ ކަމުގައިވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނޭ މަގުފަހި ކޮށްދެއްވުމެވެ.

ރާއްޖޭގައި މިހާތަނަށް 57 ކުއްޖަކު ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާފައިވެއެވެ. ޒަކާތު ފަންޑުން ބޯންމެރޯ ހެދޭނޭ އިންތިޒާމް ސަރުކާރުން ހަމަޖެއްސެވީ މިދިޔަ އަހަރުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައިވަނީ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި މަދުވެގެން 25 ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ 3 އަހަރު ނިމުނުއިރު މިވަނީ މި ވަޢުދު ފުރިހަމަ ކުރެވިފައެވެ. މިވަޢުދުގެ ފުއްދެވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ޒަކާތު ފަންޑުން ކޮންމެ އަހަރަކުވެސް 12 އާއި 15 އާ ދެމެދުގެ ޢަދަދެއްގެ ކުދިން ބޯންމެރޯ ހެދުމަށް ފޮނުއްވުމަށް ވިސްނާ ވަޑައިގަންވަމުން ގެންދަވާ ކަމަށް، އެފަންޑުގެ ޗެއަރމަން ވިދާޅުވިއެވެ.

ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް ނުވަސަތޭކަހާސް ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ހަމަޖައްސަވައިދެއްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި، އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ. އަދި އަދި ޓްރާންސް ޕްލާންޓަށްފަހު އިތުރު ފަރުވާ ބޭނުންވާނަމަ، އެޚަރަދުވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ - އެންސްޕާއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ. ސަރުކާރުން މިއަހަރު 6 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތު ދެއްވާފައިވާއިރު، މި ކުދިންނަށް މިއަދު ވަނީ މިކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ. މިފަހަރު ފުރުޞަތު ލިބުނު ކުދިން ޕީއެސްއެމްއާ ވާހަކަ ދައްކަމުން ބުނީ، މި ފުރުޞަތު ލިބުމުން ވަރަށް އުފާވިކަމާއި، އުންމީދަކީ ގިނަ ކުދިންނަށް މިފުރުޞަތު ލިބި އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވުން ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސަރވިސްގެ ފަރާތުން ވިދާޅުވީ ތެލަސީމިއާ ކުދިންގެ ނިޞްބަތް ދުވަހުން ދުވަހަށް ގިނަވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި، އިލްތިމާސަކީ 18 އަހަރުވުމުގެ ކުރިން ޓެސްޓުކޮށް، ކައިވެނި ކުރުމުގެ ކުރިން އާއިލާ ރޭވުމުގައި އެކަށީގެންވާ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އަދި މިހާރު ލިބެންހުރި ފަރުވާ ހޯދުމުގައިވެސް ސަމާލުވުމަށާއި، އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު ރިކަވަރ ކުރަން ލިބޭ ވަގުތުވެސް ޞިއްޙީ އެހީތެރިންގެ އިރުޝާދާއެކު، ފަރުވާގެ ކަންކަމަށް ސަމާލުވުމަށް މޯލްޑިވްސް ބްލަޑް ސާވިސްއުން އިލްތިމާސް ކުރައްވައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަކީ އެހެން ކުއްޖެއްގެ ކަށީގެ މަދުން ބައެއް ނަގައި ތެލެސީމިއާ ކުއްޖާގެ ހަށިގަނޑަށް ލެއްވުމަށް ކުރާ އޮޕަރޭޝަނެކެވެ. މިކަމަކީ ބޯންމެރޯ ދޭ ކުއްޖާއަށް މިކަމުގެ ސަބަބުން ނުރައްކަލެއް އޮތްކަމެއް ނޫނެވެ. ނަމަވެސް ބޯންމެރޯ ލެއްވުމަށްޓަކައި ތެލެސީމިއާ ކުއްޖާގެ ދިފާޢީ ނިޒާމު އެއްކޮށް ބަލިކަށި ކޮށްލަން ޖެހެއެވެ. އަދި އެކުއްޖާގެ ދިފާޢީ ނިޒާމު އަލުން އެއްކޮށް ފުރިހަމަ ވުމަށް ގާތްގަނޑަކަށް 1 އަހަރު ދުވަސް ހޭދަވެއެވެ.