ޚަބަރު

ޤައުމިއްޔަތެއް އާލާކުރެވޭނީ އިސްލާމީ އަޤީދާ ވަރުގަދަވެގެން


ޤައުމިއްޔަތެއް އާލާކުރެވޭނީ ޤައުމިއްޔަތުގެ އެންމެ މުހިންމު ދެ އަސާސްކަމުގައިވާ، އިސްލާމީ އަޤީދާ ހިތުގައި ވަރުގަދަވެ، ދިވެހި އަދަބިއްޔާތުދެކެ ލޯބިވެގެންކަމަށް އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ. އިންފޮރމޭޝަން ކޮމިޝަނަރ މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަށެވެ. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޤައުމީ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ހއ. އުތީމުގައި ގިނަ ހަރަކާތްތަކެއް ހިންގައެވެ. ކޮންމެ އަހަރަކުވެސް ޚާއްޞަ ޖަލްސާ އުތީމުގައި އަންނަނީ ބާއްވަމުންނެވެ. މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް އުތީމް ވަނީ ޤައުމީ ދިދައާއި ކުލަތަކުން ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.  ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންފޮރމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.

މި ރަސްމިއްޔާތުގައި އިންފޮރމޭޝަން ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ޤައުމިއްޔަތު ރައްޔިތުންގެ ހިތްތަކުގައި އާލާކުރެވޭނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އިންފޮރމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، ޤައުމިއްޔަތެއް ބިނާކުރުމުގެ މައިގަނޑު ދެ އަސާސަކީ އިސްލާމީ އަޤީދާ ހިތުގައި ވަރުގަދަކުރުމާއި، ދިވެހި އަދަބިއްޔާތަށް ލޯބިވުން ކަމަށެވެ. އިންފޮރމޭޝަން ކޮމިޝަނަރ ވިދާޅުވީ، އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ދިވެހި ބަހަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ. ދިވެހި އަދަބިއްޔާތާއި ބަހަށް ލޯބި ހުރި މީހެއްގެ ހިތުގައި ޤައުމިއްޔަތުގެ ރޫޙު ހުންނާނެ ކަމަށް ވިދާޅުވެ، ކޮމިޝަނަރ ވަނީ ބޮޑުތަކުރުފާނުގެ ޚިދުމަތްތަކުން މިސާލުނަންގަވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ބޮޑުތަކުރުފާނު އުފެދުނީ، އެމަނިކުފާނުގެ އާއިލާއިން ތަރުބިއްޔަތަށް ދެއްވި ސަމާލުކަމުގެ ބޮޑުކަމުން ކަމަށެވެ. އެހެންކަމުން އަދުގެ ބެލެނިވެރިން ދަރިވަރުން މިގޮތުގެމަތީން ތަރުބިއްޔަތު ކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރު ގޮވާލެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، ބޮޑުތަކުރުފާނު ނިސްބަތް ވެވަޑައިގްނަވާ އުތީމަކީ އެއްބައިވަންތަ އެއްބައެއްވަންތަ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ޤައުމު ގޮވާލާ ކޮންމެ ގޮވާލުމަކަށް ފުރަތަމަ ނުކުންނަ އެއް ބަޔަކީ އުތީމުގެ ރައްޔިތުން ކަމަށާއި، މިކަމުން އަތޮޅުގެ އެހެން ރަށްރަށުން ނަމޫނާ ނެންގެވުމަށް ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ބޮޑުތަކުރުފާނުގެ ޖިހާދުން ޙާސިލްވި އިބްރަތާއި، އެމަނިކުފާނު ޤައުމަށް ކޮށްދެއްވި ޚިދުމަތް އަދި ޤައުމީ ޖިހާދުގެމައްޗަށް އަލިއަޅުވާލާ ސްކޫލް ކުދިން ވަނީ ވާހަކަދައްކާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ އުތީމުގައިވެސް ވަނީ މެންދަމު 12 ޖެހިއިރު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ވަނީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.