ތިމާވެށި

ދެކުނުގެ 4 ރަށަކަށް ކުނި މެނޭޖްކުރާ ސާމާނު ހޯދުމަށް ހަވާލުކޮށްފި


މާލޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ވިލިމާލޭ ކުނި މެނޭޖްކުރާ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތާއި ދެކުނުގެ 4 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އަމިއްލަ 3 ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ސޮއިކުރައްވާފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ވަށާފާރު ރޭނުމުގެ މަސައްކަތް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރުއެވެ. އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ނަޞީމްއެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަށް ގާތްގަނޑަކަށް ހަތް ސަތޭކަ ނުވަދިހަ ހަތް ހާސް ރުފިޔާ ޙަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

ދެވަނައަށް ސޮއިކުރައްވާފައިވަނީ ވިލިމާލޭ ކުނި މެނޭޖްކުރާ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަޝްރޫޢު ތަޝީޝާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައިވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރުއެވެ. އަދި ތަޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޑިރެކްޓަރ ޙުސައިން ޝިފާންއެވެ. ގާތްގަނޑަކަށް ތިން ސަތޭކަ ހަތްދިހަ ދެ ހާސް ރުފިޔާ ޙަރަދުވާ މި މަޝްރޫޢުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 48 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި އެންމެފަހުން ސޮއިކުރައްވާފައިވަނީ ދެކުނުގެ 4 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރުއެވެ. އަދި ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ރަޝީދުއެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ހަމަޖެހިފައިވާ ދެކުނުގެ ހަތަރު ރަށަކީ އައްޑޫ ސިޓީ ހުޅުމީދޫ، ފުވައްމުލައް ސިޓީ، ގއ. ވިލިނގިލި އަދި ގދ. ތިނަދުއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ތިން މަޝްރޫއަށްވެސް ޙަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުންނެވެ.