ޚަބަރު

"ޒުވާނުން ރައީސް ބަލައިގަންނަނީ އުއްމީދުތައް ހަޤީޤަތަކަށްވާތީ"


ރައީސް ޔާމީންގެ ސަރުކާރުގެ ކާމިޔާބު 3 އަހަރު ޒުވާނުން ބަލައިގަންނަނީ މަގުމަތީގެ އަމާންކަމާއި، ސުލްޙަވެރިކަން ޔަޤީންވެ ޒުވާނުންގެ އުންމީދުތައް ހަޤީގަތަކަށް ވަމުންދާތީކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ކާމިޔާބީ ފާހަގަކުރުމުގެގޮތުން މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި " ހަބޭސް 3 " ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސް ޔާމީންވަނީ ރައްޔިތުންގެ އުންމީދުތައް ހަޤީގަތަކަށް ހައްދަވާދެއްވާފަކަމަށާ، އެގޮތުން ޤައުމުގެ އިޤްތިސާތު ރަނގަޅުވެ، އިޖުތިމާޢީ ފޭރާން ރަނގަޅުވެފައިވާ މަންޒަރު ފެންނަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒުވާނުންނަކީ ހަރުދަނާބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއްކަމަށާ، ޒުވާނުންގެ އަޚްލާޤު ރަނގަޅުވަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ވޭނާއި އުދާސްތަކަށް ފިނިކަމެއް ގެނެސްދެއްވި ސަރުކާރުކަމަށާ، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ރައީސް ޔާމީން ގެނެސްދެއްވި އިންޤިލާބީ ބަދަލުތަކަށް އެކަނި ބަލާލިއަސް މިސަރުކާރުގެ ކާމިޔާބު މަސައްކަތްތައް ވަޒަންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.