ތިމާވެށި

ކުރު މުއްދަތެއްގައި ގިނަ ކުރިއެރުންތަކެއް ރައީސް ހޯއްދަވައިދެއްވި


ކުރު މުއްދަތެއްގައި ޤައުމަށް އެންމެ ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ލީޑަރަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް މިނިސްޓަރ އޮފް އެންވަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ސިފަކުރައްވައިފިއެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފެނަކަ ކޯރޕަރޭޝަން ބިލްޑިންގް ކައިރީގައި ބޭއްވި ކޭކު ފެޅުމުގެ ޙަފްލާގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ ފާއިތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ވަނީ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން އައިސްފައި ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ ކުރިއެރުންތައް އެންމެ ކުރު މުއްދަތެއްގައި ހޯއްދަވައިދެއްވި ރައީސަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ކުންފުންޏަކީ ފެނަކަ ކޯރޕަރޭޝަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ސައުވީސް ގަޑިއިރު ކަރަންޓް ޚިދުމަތް ޔަޤީންކޮށްދެއްވުމުގެ ވަޢުދު ވަނީ ފުއްދައިދެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރުގެތެރޭގައި ކަރަންޓުގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބިދެއްވުމަށްޓަކައި 212 މިލިއަން ރުފިޔާ ހޭދަކޮށް، ސަތޭކަ ފަސްދޮޅަސް ފަސް ޖަނަރޭޓަރު ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ފެނަކަ ކޯރޕަރޭޝަނުން ބޭއްވި ކޭކް ފެޅުއްވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.