ޚަބަރު

"ދަ ގްރޭޓަސްޓް ޝެފްސް" ޗެލެންޖުގައި ރާއްޖެއަށް ރަން ވަނަތަކެއް


މިމަހު 17 އިން 27 ގެ ނިޔަލަށް ޗައިނާގެ ސޫޒޫ ޗިޓީގައި ބޭއްވި ސީސީޓީވީ "ދަ ގްރޭޓަސްޓް ޝެފްސް" ޗެލެންޖުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ޓީމުން ރަން ވަނަތަކެއް ޙާސިލްކޮށްފިއެވެ.

ޖުމްލަ 18 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ޤައުމުތަކުގެ ކެޓަގަރީން 9 ޓީމަކުން ބައިވެރިވެފައިވާއިރު، ސޫޒޫ ސިޓީގެ މަޝްހޫރު ސިޓީ ހޮޓެލް އަދި ބޮޑެތި ރެސްޓޯރެންޓް ފަދަ ތަންތަނުން ވެސް 9 ޓީމު ބައިވެރިވެފައިވެއެވެ. ޤައުމުތަކުގެ ކެޓަގަރީން އިޓަލީ، އިންޑިޔާ އަދި ތުރުކީ ފަދަ ބޮޑެތި ޤައުމުތަކާއި ވާދަކޮށް ރާއްޖޭގެ ޓީމު ވަނީ ފަޚުރުވެރި ދެވަނަ ހޯދާފައެވެ. އަދި މުޅި މުބާރާތުގައި ބައިވެރިވި ޖުމްލަ 18 ޓީމު ހިމެނޭގޮތައް، މުޅި މުބާރާތުން ދިވެހި ޓީމު ވަނީ 3 ވަނަ ޙާޞިލްކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 12 އިން 15 އަށް ސިންގަޕޫރުގައި ބޭއްވި "ފުޑް އޭޝިއާ - އެފް.އެޗް.އޭ ކަލިނަރީ ޗެލެންޖް 2016" ގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ދިވެހި ޓީމުންވެސްވަނީ ސިލްވަރ މެޑަލަކާއި ބްރޯންޒް މެޑަލްއެއް ޙާޞިލްކޮށްފައެވެ.

ގްރޭޓަސްޓް ޝެފްސް ޗެލެންޖުގައި ބައިވެރިވި ދިވެހި ޓީމު އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ، މާދަމާއެވެ.