ޚަބަރު

އައިޖީއެމްއެޗާމެދު ކުރާ އުއްމީދުތައް ބޮޑު - ރައީސް


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މެދު ސަރުކާރުން ކުރައްވާ އުއްމީދުތައް ބޮޑުކަމަށާއި، އެހޮސްޕިޓަލަށް ކުރާ ކޮންމެ އިންވެސްޓަކީ އޭގެ ނަތީޖާ ލިބޭނެ އިންވެސްޓްމަންޓްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަލަށް ޤާއިމްކުރެއްވި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައު ޢިމާރާތަށް ބޭނުންވާ ހުރިހާ ބޮޑެތި މެޑިކަލް އާލާތްތައް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށެވެ. އަދި އައިޖީއެމްއެޗްގެ އައު ޢިމާރާތް ނިމޭއިރު އެތަނުގައި ޑައިގްނޯސްޓިކް ސެންޓަރުގެ އިތުރުން ޒަމާނީ ހުރިހާ ލެބޯޓްރީއަކާއި ހުރިހާ ވަޞީލަތެއް ލިބެން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޕަލްމޮނަރީ ރެސްޕިރޭޓަރީ ޑިޕާޓްމަންޓެއްވެސް އެތަނުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14802653863407.jpg|އައިޖީއެމްއެޗުގައި އަލަށް ތަރައްޤީކުރެއްވީ ޚިދުމަތްތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައިޖީއެމްއެޗް ތަރައްޤީކޮށް ނިމޭއިރު، އެ ހޮސްޕިޓަލަކީ މިސަރަޙައްދުގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ ތަޞައްވުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޞިއްހީ ދާއިރާއަށް ސަރުކާރުން ކުރައްވާ އިންވެސްޓްމަންޓްތަކަކީ ދުޅަހެޔޮ މުސްތަޤްބަލަކަށް މުހިއްމު އިންވެސްޓްމަންޓްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައިޖީއެމްއެޗުގެ ގަވަރނިންގ ބޯޑާއި އައިޖީއެމްއެޗުގެ މުވައްޒަފުން އެހޮސްޕިޓަލް ކުރިއެރުވުމަށް ކުރާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ.