ޚަބަރު

ބިދޭސީންގެ މުސާރަ ޖަމާނުކުރާނަމަ ޚިދުމަތް ދިނުން ހުއްޓާލަނީ


ބިދޭސީންގެ މުސާރައާއި ޢިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާނުކުރާ ކުންފުނިތަކަށް ސަރުކާރުން ޚިދުމަތް ދެއްވަން ހުއްޓާލެވޭ ގޮތަށް ޤަވާޢިދެއް އެކުލަވާލައްވައިފިއެވެ. 

މި ޤަވާޢިދަށް މިދިޔަ ބުރާސްފަތި ދުވަހުން ފަށައިގެން ޢަމަލުކުރައްވަން ވަނީ ފަށްޓަވާފައެވެ. އިކޮނޮމިކް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރައްވާފައިވާ ޤަވާޢިދުގައި ބުނެފައި ވަނީ ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީ ފަރާތުގެ ބޭންކް އެކައުންޓަށް މުސާރަ ޖަމާކޮށްދީފައި ނުވާނަމަ، އެފަދައިން ޢަމަލުކުރި ވަޒީފާދޭ ފަރާތެއް ބްލެކްލިސްޓުކޮށް، ވަޒީފާދޭ ފަރާތައް ސަރުކާރުން ޚިދުމަތް ދެއްވުން ހުއްޓަވާލެއްވުމަށް އެންގޭނެ ކަމަށެވެ. 

އެ ޚިދުމަތްތަކަކީ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާދޭ ފަރާތުގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭ އެއްވެސް ފަރާތެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށްދެއްވުމާއި، ވިޔަފާރި ހިންގުމާ ގުޅުންހުރި އެއްވެސް ހުއްދައެއް ހައްދަވައިދެއްވުން، އައުކޮށްދެއްވުން ނުވަތަ ބާޠިލުކުރެއްވުމާއި މުދާ އިމްޕޯޓްކުރުމުގެ މުޢާމަލާތެއް ކުރުމުގެ އިތުރުން ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އެތެރެކުރުމަށް ދޫކުރެވޭ ކޯޓާއި ވީޒާ ދިނުމެވެ.

މިދިޔަ އޮގަސްޓުމަހުގެ 17 ވަނަ ދުވަހު ވަޒީފާއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނަވާފައިވާ އިޞްލާޙާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ޢާންމުކުރައްވާފައިވާ ޤަވާޢިދުގައި ވަނީ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ބްލެކްލިސްޓްކުރާ ފަރާތްތަކާމެދު އަޅުއްވާ އިދާރީ ފިޔަވަޅުތައް ނިމުމަކަށް ގެނެވޭނީ ބްލެކްލިސްޓުން އުނިކުރުމަށް އެދި ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ހުށަހަޅާ ތާރީޚުގެ ނިޔަލަށް، ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ ދަށުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ، ސަރވިސްޗާޖް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ ޢިނާޔަތުގެ އެއްވެސް އަދަދެއް ވާނަމަ، އެ ފައިސާގެ އަދަދުތައް މުވައްޒަފުންނަށް ހަމައަށް އަދާކޮށްފައިވާކަމުގެ ހެކި، އެ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށް ހުށަހެޅުމުން ކަމަށެވެ.

ހެކި ހުށަހަޅާއިރު، ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ، ސަރވިސްޗާޖރް، އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ ޢިނާޔަތުގެ އެއްވެސް އަދަދެއް ވާނަމަ، އެ ފައިސާގެ ޢަދަދުތައް އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމުގެ ހެކިވެސް ހުށަހަޅަންވާނެ ކަމަށް ޤަވާޢިދުގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ޢާންމުކުރައްވައި، ޢަމަލުކުރައްވަން ފަށްޓަވާފައިވާ އެ ޤަވާއިދާ ޚިލާފަށް މުސާރައާ ޢިނާޔަތްތައް ޖަމާނުކުރާ ކުންފުނިތައް ފުރަތަމަ ފަހަރު ކޮންމެ ބިދޭސީއަކަށް 10،000 ދިވެހި ރުފިޔާ އަދި ދެވަނަ ފަހަރު ކޮންމެ ބިދޭސީއަކަށް 20،000 ދިވެހި ރުފިޔާ އަދި ތިން ވަނަ ފަހަރު ކޮންމެ ބިދޭސީއަކަށް 40،000 ދިވެހި ރުފިޔާ އަދި އޭގެ ފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު ބިދޭސީއަކަށް 50،000 ދިވެހި ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މިދިޔަ އޮގަސްޓުމަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤު ކުރައްވާފައިވާ އެ އިޞްލާޙުގައި ވަނީ އިމިގްރޭޝަން ޤާނޫނުގެ ދަށުން ވާރކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި ވާރކް ވީޒާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ސަރވިސް ޗާޖް އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ ޖަމާކުރުމަށް ބޭންކް އެކައުންޓެއް ހުޅުވުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު އަންނަ މަހަށް ހަމަވާނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަކަށް ޖަމާކުރަން ޤާނޫނުން ލާޒިމްކޮށްފައިވާއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތެރެއިން ތިނެއް އިންސައްތަ ރެމިޓެންޓް ޓެކްސްވެސް މިއަހަރުގެ އޮކްޓޫބަރުގެ މަހުގެތެރޭގައި ދައުލަތަށް ވަނީ ނަގަން ފަށްޓަވާފައެވެ.