ޚަބަރު

ޢަޒުމް ކަނޑައަޅަންވީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް- ޖިހާދު


ވޭތުވެދިޔަ ތިންއަހަރުގެ ކާމިޔާބާއެކު ޢަޒުމް ކަނޑައަޅަންވީ ވަޒީރުންނާއި ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ އެތައްގުނައެއް އިތުރުކުރެއްވުމަށް ކަމަށާއި، ރައީސް ޔާމީން ރާއްޖެއަށް ގެންނަން ބޭނުންވާ އަމާޒަށް ވާޞިލްވެވޭނީ އޭރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކާމިޔާބު ތިންއަހަރު ފާހަގަކުރެއްވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި ބޭއްވެވި ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ރައީސް ޔާމީނަކީ ވަޢުދުވެވަޑައިގެން، ވަޢުދު ފުއްދަވާ ރައީސެއްކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކާމިޔާބުކުރެއްވުމަށް ވަޒީރުންނާއި، ސަރުކާރުގެ މުވައްޒަފުން ވަނީ ވޭތުވެދިޔަ ތިންއަހަރުދުވަހު ބުރަ މަސައްކަތްތަކެއް ކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ މިދައުރުގައި ދެން އޮތް ދެއަހަރަކީ މިހާރަށްވުރެ ބާރު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވަންޖެހޭ ދުވަސްތަކެއްކަމަށާއި، އިތުރު ހިތްވަރަކާއެކު މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވާލެއްވިއެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ އެމިނިސްޓްރީގެ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ހިތްވަރުގަދަ ބައެއްކަމަށާއި، މިސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބީގައި އެމުވައްޒަފުންގެ ޙިއްޞާ ވަރަށް ބޮޑުކަމަށެވެ.

ސަރުކާރުގެ ކާމިޔާބު ތިންއަހަރު ފާހަގަކުރެއްވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި ބޭއްވެވީ އެހެން އޮފީސްތަކާ ތަފާތު ޙަރަކާތެކެވެ. އެގޮތުން މެހެމާނުންގެ ގޮތުގައި ވަޑައިގަތް ބޭފުޅުންނާއި، އެމިނިސްޓްރީގެ ކޮންމެ މުވައްޒަފަކަށް ފޮރުވިފައިވާ މެސެޖެއް ހިމެނޭ، ޚާއްޞަ ކަޕް ކޭކެއް ލިބިވަޑައިގަތެވެ. އެއިން ކޮންމެ މެސެޖެއްގައިވެސް ވަނީ ވޭތުވެދިޔަ ތިންއަހަރުދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ޙާޞިލްކުރައްވާފައިވާ ކޮންމެވެސް ކާމިޔާބު މަސައްކަތެއްގެ ވާހަކައެވެ.