ޚަބަރު

އެއަރޕޯޓުތަކުގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރަނީ


ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. img:http://s2.psmnews.mv/images/660x400/14802390267856.jpg|ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުން - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 11 ސިސްޓަމާއެކު، ޖުމްލަ 24 ވެދަރ ސިސްޓަމަކުން ރާއްޖޭގެ މޫސުމާ ބެހޭ ކަންކަން ބެލެމުންދާނެއެވެ. މި ސިސްޓަމްގެ ސަބަބުން އެއަރޕޯޓަށް ބޭނުންވާ މަޢުލޫމާތު އެ އެއަރޕޯޓަކަށް ވަގުތުން ވަގުތައް ފޯރުކޮށްދެވޭނެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކަށްވެސް މޫސުމީ މަޢުލޫމާތު ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ. މީގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވަމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ޢާންމުންގެ އިތުބާރު ލިބިގެންދާނެއެވެ. img:http://s4.psmnews.mv/images/660x400/14802390447873.jpg|ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުން - ފޮޓޯ: ޕީއެސްއެމް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ، ޠާރިޤް އިބްރާޙީމް ވިދާޅުވީ، މީޓިއޯރޮލޮޖިކަލް ސެންޓަރ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ހިންގެވުމަށް ރައްވަވާފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ މަސައްކަތްތަކެއް މިކަމަށް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރުވެސް 8 ވެދަރ އިންފޯމޭޝަން ސްޓޭޝަނެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް 2 މަސްދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރު 25 ސަރަޙައްދެއްގައި ވެދަރ އިންފޯމޭޝަން ސިސްޓަމް ހަރުކުރުމަށް އިޓަލީގެ ސަރުކާރާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމުގައިވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14802390637272.jpg|ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޯމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުން - ފޮޓޯ: ޕީއެސްއެމް

މި ޕްރޮޖެކްޓްގެ ދަށުން އެއްބަސްވުން ޤާއިމްކުރެވުނު ފަރާތްތަކަކީ، އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑާއި ރީޖަނަލް އެއާޕޯރޓްސް އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޕްރިސްޓީން އައިލޭންޑްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ވިލާ އެއާރ ޕްރައިވެޓް ލިމިޓެޑް އަދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮޕްމެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ޕްރޮޖެކްޓަށް 3.57 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަންނަ އަހަރުގެ ދުނިޔޭގެ މޫސުމާބެހޭ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.