ޚަބަރު

ސަރުކާރުގެ ވުޒާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްގެ މަސައްކަތް


ސަރުކާރު ހުރިހާ ވުޒާރާތަކުގައި އިންސާނީ ވަސީލަތްތައް ހުރި ނެތްގޮތް ބެލުމަށް އެކުލަވާލާ ހިއުމަން ރިސޯސް އޮޑިޓްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ދައުލަތުގެ ހުރިހާ ވުޒާރާއެއްގައި އިންސާނީ ވަސީލަތްތައް ހުރިނެތްގޮތް ބެލުމުގެ ދިރާސާއެއް ސިވިލް ސާރވިސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިހާތަނަށް 8 މިނިސްޓްރީއެއްގެ ހިއުމަން ރިސޯސް އޮޑިޓް ނިންމާ ރިޕޯޓް ތައްޔާރު ކުރައްވާފައިވާ ކަމަށާއި ބާކީއޮތް 7 މިނިސްޓްރީގެ ހިއުމަން ރިސޯސް އޮޑިޓް ހެއްދެވުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ދައުލަތުގެ ހުރިހާ ވުޒާރާއެއްގެ ހިއުމަން ރިސޯސް އޮޑިޓް ނިންމާ ރިޕޯޓް ތައްޔާރުކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ އަމާޒަކީ 2020 ވަނަ އަހަރު އަންނައިރު ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަކީ އައި.އެސް.އޯ ސެޓިފައިޑް ތަންތަނަށް ހެއްދެވުން ކަމަށާއި ރާއްޖޭގެ ސިވިލް ސާރވިސް އަކީ މި ސަރަޙައްދުގެ އެންމެ ރަނގަޅު ސިވިލް ސާރވިސްއަށް ހެއްދެވުން ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރެއްވުމަށް އެ ކޮމިޝަނުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނު ކުރުމަށް ވަރޗުއަލް ކްލާސް ރޫމު މެދުވެރިކޮށް ވަރަށް އަވަހަށް ތަމްރީނުތައް ފަށްޓާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެ ކޮމިޝަންގެ ޓްރެއިނިންގ ޕޮލިސީގައި ބަޔާންކޮށްފައިވާ 6 ގަޑިއިރުގެ ޕްރޮގްރާމްތަކާއި އެޓޭޗްމަންޓް ޕްރޮގްރާމުތައް އަންނަ އަހަރު ތައާރަފް ކުރައްވާނެކަމަށްވެސް ސިވިލް ސާރވިސް ކޮމިޝަނުން ވިދާޅުވެއެވެ.