ތަރައްްޤީ

މާލޭގެ އިރުމަތީ ފަރާތް ތަރައްޤީކުރެއްވުމުގެ ޚާއްސަ ޕްލޭނެއް


މާލޭގެ އިރުމަތީ ފަރާތް ޙިމާޔަތްކުރައްވައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމުގެ ޕްލޭން އެކުލަވާލައްވަމުން ގެންދަވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މި ސަރަޙައްދު ތަރައްޤީކުރައްވަނީ، ޒުވާނުންނާއި، ވިޔަފާރިތަކަށްވެސް ފުރުޞަތު އޮންނަގޮތަށެވެ.

މާލޭގެ އިރުމަތީ ފަރާތް ނުވަތަ ކާނިވާ ސަރަޙައްދު ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ، ޒުވާނުންނާއި، ވިޔަފާރިތަކަށްވެސް ފުރުޞަތު ފަހިވާގޮތަށެވެ. އެ ސަރަޙައްދަކީ ވިއްސާރަ މޫސުމުގައި އުދަ އަރާ ސަރަޙައްދެއްކަމުން މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، އިރުމަތީ ފަރާތުގައި އިތުރު ތޮށްޓެއް ލުމަށް ނިންމަވައި އެކަން ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ތޮށީގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި ކަމަކީ އެފަރާތްތަކުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގަމުން އަންނަ ވިޔަފާރިވެރިންނަށް ފައިދާވާނެ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިރުމަތީ ފަރާތުގައި ޤާއިމްކުރައްވާ އެންމެ މުހިއްމު ބިނާ އަކީ ހަހާސް މީހުންގެ ޖާގައިގެ ކިންގް ސަލްމާން މިސްކިތް ކަމަށާއި، ތަރައްޤީގެ ޕްލޭން އެކުލަވާލައްވާނީ މިސްކިތުގެ މަޝްރޫޢުވެސް ހިމެނޭ ގޮތަށްކަމަށެވެ.

މާލޭގެ އިރުމަތީ ފަރާތަކީ މިހާރުވެސް ތަފާތު އެކި ޖަލްސާ ތައް ބާއްވަމުން އަންނަ ސަރަޙައްދެކެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓްތައްވެސް ހިންގަމުން އަންނަ ސަރަޙައްދެއްވެސްމެއެވެ.