ޚަބަރު

މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ފަތުރުވެރިން ފެނިއްޖެ


އިއްޔެ މާލެ އަތޮޅު ވާދޫ ރިސޯޓު ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ފަތުރުވެރިން ފެނިއްޖެއެވެ.

މި ފަތުރުވެރިން ފެނުނު އިރު އެމީހުން ތިބީ ވާދޫ ރިސޯޓާާއި ހުޅަނގުން 12 މޭލު ބޭރުގައި، އެމީހުން މޫދަށް އެރެން ބޭނުންކުރި ޓްރާންސްޕޭރަންޓް ސީބެޑްގައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި ދެ މީހުންވެސް ތިބީ ސަލާމަތުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ދެ ފަތުރުވެރިން ފެނިފައިވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރގައި ކުރި ސާރޗް އޮޕަރޭޝަންގައި މިއަދު މެންދުރު 13:24 ހާއިރުއެވެ. އަދި މި ދެ ފަތުރުވެރިން މިހާރު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ދެ ފަތުރުވެރިންގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެެންޑީއެފަށް ލިބިފައިވަނީ ރޭ 21:03 ހާއިރުއެވެ. މި ދެ ފަތުރުވެރިން ފެނިފައި މިވަނީ އެމްއެންޑީއެފުން ވައިގެ މަގުންނާއި ކަނޑުގެމަގުން ރެއިން ފެށިގެން ކުރަމުންއައި މަސައްކަތުންނެވެ.