ޚަބަރު

އެމްއެންޑީއެފްގެ 16 ވަނަ ޤައުމީ ލަވަ އަލްބަމް ނެރެފި


1438 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ނެރޭ 16 ވަނަ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެދެއްވައިފިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް ބޮޑު ބަދަލުތަކަކާއެކު، ނެރުނު މި އަލްބަމްގައި ހިމެނެނީ ބޮޑުބެރުގެ ޞަޤާފީ ލަވަތަކެކެވެ. މި ލަވަ އަލްބަމް ނެރެދެއްވީ، ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދޭ "ހޭޔަންބޯ" ޕްރޮގްރާމްގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިިރެކްޓަރ އިބްރާހީމް ޚަލީލެވެ.

މި އަލްބަމް ނެރެދެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި، މި އަލްބަމަކީ، އެމްއެންޑީއެފުން އެކި އެކި މީޑިއަމްތައް ބޭނުން ކުރައްވައިގެން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫހު އާލާކޮށް ޤައުމުދެކެ ލޯބިވާ ރައްޔިތުން ތިބި ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށާއި، ޤައުމީ މިފަދަ ކަންކަމުގައި ޕީއެސްއެމް އިން އަބަދުވެސް އެއްބާރުލުން ދެމުންދާނެކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ފަރުމާކޮށްފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް ހުށަހެޅުއްވި ކޮންސެޕްޓެއްކަމުގައިވާ ސީޑީގެ ބަދަލުގައި ޕެން ޑްރައިވްއެއްގައެވެ.

ޖުމުލަ 7 ލަވައެއް ހިމެނޭ މި އަލްބަމްގައި، އެމްއެންޑީއެފްގެ ބޮޑުބެރު ގުރޫޕުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕްތައް ކަމުގައިވާ ހަބޭސް ބޮޑުބެރު ގުރޫޕު، ހަރުބީ ބޮޑުބެރު ގުރޫޕު، ވަރުނުލާ ބޮޑުބެރު ގުރޫޕު، މަންދީރަ ބޮޑުބެރު ގުރޫޕު، ބިދަބިން ބޮޑުބެރު ގުރޫޕު އަދި އަންހެން ބޮޑުބެރު ގުރޫޕެއްކަމުގައިވާ ފަތްމިނި ބޮޑުބެރު ގުރޫޕުގެ ލަވަތައް ހިމެނިފައިވެއެވެ.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފު އުމަރުގެ ޅެމެއްވެސް ހިމެނޭ މިފަހަރުގެ ޤައުމީ ލަވަ އަލްބަމަށް ރާއްޖޭގެ ފުންނާބުއުސް ޅެންވެރިންތަކެއްވެސް ޅެން ހައްދަވާދެއްވާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި އަލްބަމަށް ޅެން ހައްދަވާދެއްވި ފަރާތްތަކުގެ ތެރޭގައި ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ) އާދަމް ނަޞީރު އިބްރާހީމް، ޢަބްދުﷲ އަފީފު، ޖައުފަރު ޢަބްދުއްރަޙުމާންގެ އިތުރުން ރަމްލާ ޢަބްދުލްޣަނީ އަދި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ހިމެނެއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު މި އަލްބަމަކީ، ވީޑިއޯ ލަވަ އަލްބަމެކެވެ. މި އަލްބަމްގައި ހިމެނޭ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުން ބަލާލެވޭގޮތަށް ހަމަޖެހިފައިވާއިރު، މި އަލްބަމްގެ އޯޑިއޯ ވާރޝަން އެމްއެންޑީއެފް ސައުންޑް ކްލައުޑް އެކައުންޓުންވެސް ޑައުންލޯޑު ކުރެވޭނެ އެވެ.

މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އިންނެވެ.

މި އަލްބަމް ނެރުމުގެ ރަސްމިއްޔާތުގައި، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް އާއި އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އިބްރާހީމް އާޒިމް އާއި އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުގެ އޮފިސަރ ކޮމާންޑިންގ ފަސްޓް ލެފްޓިނެންޓް އިސްމާޢީލް އަކްރަމް ބައިވެރިވެވަޑައިގެންނެވިއެވެ.