ޚަބަރު

ޕީޖީގެ އޮފީހުގެ ޑޭޓާބޭސްއެއް އިފްތިތާޙު ކުރައްވައިފި


ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޖިނާޢީ ޢަދުލުގެ ނިޒާމާގުޅޭ ޤަވާޢިދުތަކާއި، ޝަރުޢީ ކޯޓްތަކުގެ ޤަޟިއްޔާތައް އެއް ޑޭޓާބޭސްއަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޑޭޓާބޭސް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު. މި ޑޭޓާބޭސް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ލިޔެކިއުންތައް އެއްތަނަކުން ފެންނާނެ އިންތިޒާމު ވަކީލުންނަށް ހަމަޖައްސަވައިދެއްވުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ލިބޭނެ ކުރިއެރުމަކަށް ވާނެކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޝަރުޢީ ކޯޓްތަކުގެ ޤަޞިއްޔާތައް ދެމެހެއްޓެނިވި ގޮތެއްގައި އާކައިވްކުރެވި، ފަސޭހައިން ފެންނާނެގޮތަށް ބެހެއްޓުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަދަ ޑޭޓާބޭސްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރައްވަމުން ގެންދެވުން މުހިންމު ކަމަށެވެ. img:http://s1.psmnews.mv/images/660x400/14800042310303.jpg|އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު، ޕީޖީގެ އޮފީހުގެ ޑޭޓާބޭސް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިސާމް ވިދާޅުވީ އެކަމަނާ މަޤާމާ ޙަވާލުވެވެވަޑައިގެންނެވިތާ މިއަދު އެއްއަހަރު ފުރިފައިވާއިރު، އެއްއަހަރުގެ ތެރޭގައި ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ޕީޖީގެ ވަކީލުންނަށް ދަތިވާ ކަންތައް ޙައްލުކޮށްދެއްވުން ކަމަށެވެ. އެގޮތުން އަލަށް ޤާއިމުކުރެއްވި ޑޭޓާބޭސްއަކީ ޕީޖީގެ ވަކީލުން ކޯޓްތަކުގައި ވަކާލާތު ކުރުމަށް ބޭނުންވާ ޤާނޫނީ ލިޔެކިއުންތައް ހޯދުމަށް ދިމާވާ ދަތިތަކަށް ޙައްލު ލިބިގެންދާނެކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތަފާސްހިސާބު ފޮތްވެސް ވަނީ ނެރެދެއްވާފައެވެ. މިފޮތް ނެރެދެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްއެވެ. މި ރަސްމިއްޔާތުގައި ޝަރުޢީ ބައެއް ކޯޓްތަކުގެ އިސް ޤާޟީންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.