ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޚިތާނީ އުފާއަށް ޒިޔާރަތްކޮށްފި


ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން ހުޅުމާލޭގައި ކުރިއަށްގެންދާ ޚިތާނީ އުފާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ޚިތާނުކޮށްފައިވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަދިޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދަވާފައިވާ ޞަދަޤާތު ފައުންޑޭޝަނަކީ، ޚާއްޞަގޮތެއްގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށާއި، މުޖުތަމަޢުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި ފަރާތްތަކަށް އެހީތެރިކަން ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެކެވެ. މިފަދަ އެހީތެރިކަން ދިނުމުގެ ޙަރަކާތެއްގެ ގޮތުގައި ޞަދަޤާތު ފައުންޑޭޝަނުގެ ފަރާތުން ހުޅުމާލޭގައި "ޚިތާނީ އުފާ" ގެ ނަމުގައި ވަނީ ކޭމްޕެއް ފަށާފައެވެ. img:http://s3.psmnews.mv/images/660x400/14800076668871.jpg|ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޚިތާނީ އުފާއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ ޚިތާނީ ކޭމްޕަށް ޒިޔާރަތް ކުރައްވާ އެ ކުދިންނާއި ޢާއިލާތަކުގެ ޙާލުއަހުވާލު ބައްލަވާ، އަދި ޚިތާނުކޮށްފައިވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ ޚިތާނީ އުފާގައި ހިމެނޭ ކޮންމެ ކުއްޖަކަށް އެ ދެކަނބަލުން ހަދިޔާ ދެއްވާފައިވެއެވެ. އަދި އެ ކުދިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޚާއްޞަ ފޮޓޯއެއް ނެންގެވިއެވެ.

އެއަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގައި ޤާއިމުކުރެވިފައިވާ ޚިތާނީ ކޭމްޕަށް ވަޑައިގަންނަވާ އެ ކޭމްޕްގައި ތިބި ޚިތާނު ކުރާ ކުދިންނާ އަދި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14800076837121.jpg|ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޚިތާނީ އުފާއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ޞަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ކޭމްޕަކީ ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދާ ޙަރަކާތެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕުގައި ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެން ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. މިގޮތުން ފުރަތަމަ ގްރޫޕްގެ ދަށުން ޚިތާނުކުރެވިފައިވާ 60 ކުދިން ހުކުރު ދުވަހު ދޫކޮށްލާނެ ކަމަށާއި ދެވަނަ ގްރޫޕްގެ ދަށުން ޚިތާނު ކުރާ ކުދިން ހުކުރު ދުވަހު ޚިތާނު ކުރާނެ ކަމަށް ޞަދަޤާތު ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. މި ކޭމްޕްގެ ދަށުން ޚިތާނު ކުރާ ކުދިން ބައިތިއްބާފައި ވަނީ ހުޅުމާލޭ ރެހެންދި ސްކޫލްގައި ކަމަށްވާއިރު، އެ ސްކޫލްވަނީ ކުޑަކުދިންނާގުޅޭ ގޮތަށް ތައްޔާރުކޮށްފައިކަން ފާހަގަކޮށްލެވެއެވެ. އަދި މި ޙަރަކާތާއި ގުޅިގެން މުނިފޫހިފިލުވުމުގެ ގިނަ ޙަރަކާތްތަކެއްވެސް އެ ސްކޫލުގެ ގޯތިތެރޭގައި ކުރިއަށް ގެންދަމުންދެއެވެ.

މިޙަރަކާތަކީ އާއިލާތައް އެއްތަނަކުން ބައްދަލުވެ އާއިލީގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާއާލާކުރުމުގެ ފުރުޞަތު އާއިލާތަކަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ޞަދަގާތު ފައުންޑޭޝަނުން ބުނެއެވެ. އަދި އަންނަ އަހަރު މިއަށްވުރެ ފުރިހަމަކޮށް މިފަދަ ކޭމްޕެއް ކުރިއަށް ގެންދާނެ ކަމަށް އެ ފައުންޑެޝަނުން މަޢުލޫމާތުދެއެވެ. ޞަދަގާތް ފައުންޑޭޝަނުން ދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޞަދަޤާތު ފައުންޑޭޝަނަކީ 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.