ޚަބަރު

ޤައުމުގެ ތަރައްޤީގައި އެންމެ އިސްދައުރެއް އަދާކުރާނީ ޒުވާނުން


ދިވެހިރާއްޖޭގެ ސިޔާސީ ދައިރާގެ މުސްތަޤްބަލު ބައްޓަންކުރައްވަމުން ގެންދަވަނީ ޒުވާނުންނަށް ފަހިވާގޮތަށްކަމަށާއި، ޒުވާނުންގެ ބައިވެރިވުން ނުހިމެނޭ ސިޔާސީ ވެއްޓެއްގެ ކުރިމަގު އުޖާލާ ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ޤައުމީ އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މީގެ ކުރިން ޒުވާނުންނަށް ލިބިފައިނުވާ އެތައް ފުރުޞަތުތަކެއް ސަރުކާރުން ހޯއްދަވައިދެއްވާފައިވާކަށާއި، ކުރިއަށްއޮތްތަނުގައި މި ފުރުޞަތު އިތުރަށް ފަހިކޮށްދެއްވާނެކަމަށެވެ.

ސަރުކާރުގެ ހުރިހާ ސިޔާސަތުތައް ޒުވާނުންނަށް ފަހިވާގޮތަށް ބައްޓަންކުރައްވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ދެމެހެއްޓެވުމަށް އެންމެ އިސްދައުރެއް އަދާކުރައްވަނީ ޒުވާނުން ކަމުގައި ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ދިވެހިޤައުމަށް ޒުވާނުންގެ ބޭނުންޖެހިއްޖެ ކޮން ޙާލަތެއްގައި ޒުވާނުންގެ ވަރުގަދަ އަޒުމާއި ޒުވާނުންގެ ޖޯޝް ފެނިގެން ގޮސްފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ޒުވާނުންނަށް އިސްކަންދެއްވައި، ޞިޔާސަތުތައް ޒުވާނުންނަށް ފަހިކޮށް ބައްޓަންކުރައްވަނީ މި ސަބަބަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދިވެހި ޒުވާނުންގެ ޒުވާން ތާޒާ ލޭ، އަދި މި ލެއިން އުފެދޭ ޖޯޝުން ދިވެހިރާއްޖޭގެ ޞިޔާދަތު ރައްކާތެރިކޮށްދެނީ" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތްތަކާއި، ސިޔާސީ މީހުންގެ މަސައްކަތަކުގައި ޒުވާނުންނަށް އިސްކަން ނުދިން މީހުން ނާކާމިޔާބުވެގެންދިޔަ މަންޒަރު ފެނިގެން ގޮސްފައިވާކަމަށާއި، އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުން ސިޔާސީ ދާއިރާއިން ހޯއްދެވި ކާމިޔާބީގައި ޒުވާނުންގެ ޙީއްޞާ ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޒުވާނުންނަކީ ދިވެހިރާއްޖޭގެ މިހާރު، ދިވެހިރާއްޖޭގެ މާދަމާ، އަދި ދެންއަންނަންއޮތް ޖީލުތަކުގައިވެސް އެންމެ އިސްދައުރެއް އަދާކުރާނެ މީހުން" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ ޒުވާނުންގެ ކުރިމަގަށް ނުހަނު މުހިންމު މަސައްކަތެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކި ރޮނގު ރޮނގުން ދިވެހި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާ ފައިތިލަ ސާބިތުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރައްވާ މަސައްކަތްޕުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދުނިޔެއިން އިޤްތިޞާދީ ފުރުޞަތުތަކެއް އަޅުގަނޑުމެން އައިސް ޓަކިޖަހަންދެނެއް ނޯންނާނެ. އަޅުގަނޑުމެންޖެހޭނީ އެފުރުޞަތުގެ ބޭނުން ހިފަން. ދިވެހިރާއްޖެއަކީ ދިވެހިން އުފައްދާ އެއްޗެއް. ދިވެހިރާއްޖެ ބައްޓަންވާނީ ދިވެހިންވިސްނާގޮތަކަށް، ދިވެހިން (ދިވެހި ޒުވާނުން) އެދޭގޮތަކަށް" ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޒުވާނުންނަށް ފަހިފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ހަނދާން އާކުރައްވައި، އެވައުދު ފުއްދެވުމުގެ މަސައްކަތުގައި ދެމިހުންނެވިކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކުރިއަށްއޮތީ ޒުވާނުންނަށް ފަހި ދުވަސްތަކެއް ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ޒުވާނުން އިސް ސަފަށް ނެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.