ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ޚާއްސަ ޙަރަކާތްތަކެއް


އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރިޔަށްގެންދާ ކެމްޕޭން "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް" މިއަހަރުވެސް ރާއްޖޭގައި ފާހަގަކުރައްވާގޮތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމަވައިފިއެވެ.

މިއަހަރުގެ ކެންޕެއިންގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އޮރެންޖް ދި ވޯރލްޑް: ރައިޒް މަނީ ޓު އެންޑް ވަޔަލެންސް އަގެއިންސްޓް ވިމެން އެންޑް ގާރލްސް"އެވެ. މިކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިވަޑައިގެން މި ކެންޕެއިން ރާއްޖޭގައި ހިންގަވަން ހަމަޖެހިފައިވަނީ މިމަހު 25 ން ޑިސެމްބަރ 10 ވަނަ ދުވަހާ ހަމައަށެވެ.

tw:https://twitter.com/HopeforWomenmv/status/801042452777816064

މި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފަންޑް ރައިޒިން އިވެންޓެއް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ހޯޕް ފޮރ ވިމެންއާ ގުޅިވަޑައިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު ސޯޝަލް ސެންޓަރުގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކެންޕެއިން ހިންގެވުމަށް މިމަހު 27 ވަނަދުވަހު، އޮފީސްތަކުގެ މުވައްޒަފުން، އޮރެންޖް ކުލައިގެ ހެދުން ލުމަށްވެސް ވަނީ ނިންމަވާފައެވެ. މިފަދަ ކެންޕޭނެއް ހިންގެވުމުގެ މަޤްޞަދަކީ، މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުވައި، އަންހެނުން އަދި އަންހެން ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމެވެ.

މީގެ އިތުރުން ޕަބްލިކް ސާރވިސް މީޑިއާ ޕީ.އެސް.އެމާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގުޅިވަޑައިގެންވެސް ޚާއްޞަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމަވާފައިވެއެވެ. އެގޮތުން "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް" ކެމްޕޭންގެ ދަށުން ، ގޭގެއަށް ޒިޔާރަތްކޮށް އަންހެނުންނަށް އަނިޔާކުރުން ހުއްޓުވުމާއި ބެހޭ އާއްމުން ހޭލުންތެރު ކުރުވުމުގެ ގޮތުން މައްލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެއާއެކު، މިމަހުގެ 25 ވަަނަ ދުވަހު، އަންހެނުންނަށް އަނިޔާ ކުރުވުން ހުއްޓުވުމާއި ބެހޭ ގޮތުން ޕެނެލް ޑިސްކަޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

tw:https://twitter.com/HopeforWomenmv/status/800977222240641025