ޚަބަރު

ކޯޓުން ބޭރުގައި ޖިނާއީ މައްސަލަތައް ހަލުކުރެވޭނެ އިންތިޒާމް


ކްރިމިނަލް ކޯޓަށް ހުށައެޅޭ ކުދި ކުށްތަކާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރެއްވުމުގެ ނިޒާމެއް ޝަރުޢީ ނިޒާމުގެ ތެރޭގައި ޤާއިމުކުރެއްވުމަށް ޝަރުޢީ ދާއިރާއިން ނިންމަވައިފިއެވެ. މިއީ ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ ޖިނާއީ މައްސަލަތައް ކޯޓުން ބޭރުގައި، ޝަރިއްޔަތަކާ ނުލައި ޙައްލުކުރެއްވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރެއްވޭ ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމެއް އަންނަ އަހަރުގެ ތެރޭގައި ޤާއިމުކުރެއްވުމަށް ޝަރުޢީ ދައިރާއިން ވަނީ ނިންމަވާފައެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރެވޭ ފުރަތަމަ ފަހަރެވެ. ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ކުށްވެރިޔާ ކުށްކުރުމުން ޢަދަބު ދިނުމުގެ ބަދަލުގައި ކުށް އިސްލާޙް ކުރުމުގެ ފުރުޞަތު ލިއްބައިދޭ ނިޒާމެކެވެ. މިނިޒާމުގެ ތެރެއިން ކުދި ޖިނާއީ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ ނިޒާމެއް ނަމަވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިނިޒާމު ގެންދަނީ ކާމިޔާބުކަމާއެކު ބޭނުންކުރަމުންނެވެ. ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ކުށްވެރިޔާ ކުށްކުރުމުން، އެކުށުން ގެއްލުން ލިބޭ ފަރާތާއި، ކުށްވެރިޔާއާ ދެމެދު ސުލްޙަކޮށް، ކުށްވެރިޔާ ކުށް އިސްލާޙްކުރުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. އެގޮތުން ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމުގެ ތެރެއިން ވައްކަމުގެ މައްސަލައެއް ބައްލަވާނަމަ ވައްކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތާއި، ކުށްކުރި ފަރާތް ކޯޓަށް ހާޞިރުކޮށް ޝަރިއްޔަތުގެ މަޖިލީހުން ބޭރުގައި، ޤާޟީއެއްގެ ކުރިފުޅުމަތީގައި ދެފަރާތުން ސުލްޙަވެ، ކުށްކުރި ފަރާތުން، ގެއްލުން ލިބުނުފަރާތަށް އެފައިސާ އަނބުރާ ދިނުމަށް އެއްބަސްވެވިދާނެެއެވެ.

ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމުގެ ތެރެއިން ކުށް ކުރާ ފަރާތްތައް ވަކިމުއްދަތެއްވަންދެން މުޖުތަމައަށް ޚިދުމަތް ކުރުމަށް ކޯޓުން އަމުރު ކުރެއްވޭނެ. މިއީ ޝަރިއްޔަތުގެ މަޖިލީހުން ބޭރުގައި ކުރިއަށްދާ ޢިޖްރާޢަތްތަކެއް ކަމުން މިއީ ކުށްކުރާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް ލިބިގެންދާ ފުރުޞަތެއް.

ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމު ތަންފީޛު ކުރެވެނީ ޢާންމުގޮތެއްގައި ނިސްބަތުން ކުދި ކުށްތައް ކުރާ ފަރާތްތަކުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި މިފަދަ ނިޒާމެއް ޤާއިމުކުރެއްވުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތުން ސްޓޭކްހޯލްޑަރުންގެ މަސައްކަތު ބައްދަލުވުމެއް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ބޭއްވެވުމަށް ހަމަޖެހިފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތުދެއްވައެވެ.

ދިވެހިރާއްޖޭގައި މިނިޒާމު ޤާއިމުކުރެވޭގޮތާއި، މިނިޒާމުގެ ދަށުން ދިވެހިރާއްޖޭގައި ބައްލަވާނީ ޖިނާއީ ކޮންމައްސަލަތަކެއް ކަން އަދި ކަނޑައަޅުއްވާފައެއްނުވެއެވެ. އަދި މިނިޒާމު ހިނގާނެގޮތުގެ އިޖްރާޢަތްތައްވެސް ޝަރުޢީ ދާއިރާއިން އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމެއް ޤާއިމުކުރެއްވުން ވެގެންދާނީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަކަށެވެ.

ދިވެހިރާއްޖެއަކީ ނިސްބަތުން ކުށްކުރުން މަދު ޤައުމެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތުގެ ތެރެއިން ޖިނާއީ މައްސަލަތައް ޙިއްޞާ ކުރަނީ ވަރަށް ކުޑަ އިންސައްތައެކެވެ. އެއީ 20 އިންސައްތައަށްވުރެވެސް ދަށް ޢަދަދެކެވެ. އެހެންކަމުން ރެސްޓޮރޭޓިވް ޖަސްޓިސް ނިޒާމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިގައި ކާމިޔާބުކަމާއެކު ތަންފީޛް ކުރެވިދާނެ ނިޒާމެއްކަމަށް ޝަރުޢީ ދާއިރާއިން ވިދާޅުވެއެވެ.

އަދި ރެސްޓޮރޭޓިވް ޖަސްޓިސް ސިސްޓަމްގެ ސަބަބުން ދިވެހިރާއްޖޭގެ ޤާނޫނުގެ ވެރިކަން އިތުރަށް ހަރުދަނާވެ، އިޖްތިމާޢީ ޢަދާލަތާއި ޞުލްޙަ ޤާއިމުކުރެއްވުމަށް މަގުފަހިވެގެންދާނެކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ.

ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން މަދަނީ މައްސަލަތައް ކޯޓުން ބޭރުން ޙައްލުކުރެއްވުމުގެ އިންތިޒާމް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި މިހާރުވެސް ހަމަޖެހިފައިވެއެވެ. މިކަމަށްޓަކައި ސިވިލްކޯޓްގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޔުނިޓެއް ޤާއިމުކުރައްވައި، ވޭތުވެދިޔަ އަހަރު ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯއްދަވާފައެވެ.

ކްރިމިނަލް ކޯޓަށް ހުށައެޅޭ ކުދި ޖިނާއީ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ނިންމަވާފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ގެންދަވަނީ ފުރަތަމަފަހަރަށް ކުށްކުރާފަރާތްތަކަށް ދެވަނަ ފުރުޞަތު ދެއްވުމުގެ އުޞޫލެއް ޤާއިމުކުރައްވައި ތަންފީޛް ކުރައްވަމުންނެވެ.