ތަރައްްޤީ

މެނިފެސްޓޯގައި 50 ރިސޯޓް- 60 ރިސޯޓް ހުޅުވުމަކީ ސަރުކާރުގެ އަމާޒު


އިބްރާހިމް ނާޞިރު އިންޓަނޭޝަލް އެއަރޕޯޓްގެ މަސަކަތް ނިންމެންވާއިރަށް، ރިސޯޓް ތަރައްޤީކުރެއްވުމަށް މިހާރު ކުއްޔަށް ދީފައިވާ ރަށްތަކުގެ މަސައްކަތްް ނިންމެވުމަކީ ކުރިއަށް އޮތް ދެއަހަރުގެ މައިގަނޑު އަމާޒް ކަަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކާމިޔާބު 3 އަހަރު ފާހަގަކުރެއްވުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، 2018 ގެ ނިޔަލަށް 50 ރިސޯޓް ހުޅުވުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވީ ނަމަވެސް އަމާޒަކީ އެއަދަދު ފަސްދޮޅަހަށް އިތުރުކުރެއްވުން ކަމަށެވެ.

ރިސޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް ސިޔާސަތު ތަކާއިއެއްގޮތަށް ކުރެވެމުންދާކަން ފާހަގަކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ އިންޓަރނޭޝަނަލް  އެއަރޕޯޓް ޒަމާނީ ފެންވަރަށް ފަތުރުވެރިންނަށް ފަހި އެއަރޕޯޓްތަކަށް ހެއްދެވުމުގެ މަސައްކަތްކަމަށެވެ. އެދެ އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރަމުންދާއިރު، ކުރިއަށް އޮތް ދެއަހަރު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އާ ރިސޯޓްތައް ހުޅުވޭނެ ގޮތްތައްބަލައި އެކަންކުރެއްވުމަށް ބާރުއަޅުއްވާނެކަމުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ތިން އަހަރުގެ ކާމިޔާބީއާއި ކުރިއަށް އޮތް ދެއަހަރަށް ހާސިލުކުރައްވާނެ ކަންކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަކީ، އަމާން އެންމެނަށްވެސް ރައްކާތެރި މާޙައުލަކަށް ހެއްދެވުމަށް މިދިޔަ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތް ކާމިޔާބުކަމަށެވެ. އެގޮތުން ފުރަ މާލެއަކީ ކޮންމެ ފަރުދަކަށްވެސް ރައްކާތެރި ތަނަކަށް ބަދަލުކުރެއްވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނީ، ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވުމާއި، ޒުވާނުންގެ ބައިވެރިވުމާއެކު ތަރައްޤީގެ މަޝްރޫޢުތަށް ކުރިއަށް ގެންދެވުންކަމަށެވެ.