ދީން

މިއަހަރު ކޮންމެ ގެއަކަށް މުޞްޙަފެއް ފޯރުކޮށްދެއްވާނެ- މިނިސްޓްރީ


ކޮންމެ ދިވެއްސަކަށް މުޞްޙަފް ފޯރުކޮށްދެވުމަށް ސަރުކާރުން ފައްޓަވާ "މުޞްޙަފު މާލްދީފް" މަޝްރޫޢުގެ ދަށުން މިއަހަރު ތެރޭގައި ކޮންމެ ގެއަކަށް މުސްޙަފެއް ފޯރުކޮށްދެއްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓަރުގެ ނާއިބް މުޙައްމަދު މުޞްތަފާ އިބްރާހިމް ވިދާޅުވީ، މި މުޞްޙަފަކީ ދިވެހިންނަށް ޚާއްސަކޮށްގެން ޗާޕް ކޮށްފައިވާ މުޞްޙަފް ތަކެއްކަމަށާއި މި މުޞްޙަފްގެ އެއް ލައްކަ ކޮޕީ މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. މި އެއްލައްކަ ކޮޕީ ބެހުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްކަމަށާއި އެހެންނަމަވެސް ސަރުކާރުގެ މިހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރުކޮށްދެވޭނެކަމަށް މުޞްތަފާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14798000549690.jpg|"މުޞްޙަފު މާލްދީފް" ގެ ފުރަތަމަ ޗާޕްގެ މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވިފައިވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ދިވެހިންނަށް ޚާއްޞަކޮށްގެން ޗާޕްކޮށްފައިވާ މި މުޞްޙަފް ޗާޕްކޮށްފައިވަނީ ދުބާއީންކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.