ޚަބަރު

މޫސުމީ ނުރައްކާތަކުގެ ތެރޭގައި 90 މިލިޔަން ރެފިއުޖީން


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހަނަފަސްކަމާއި ފެންބޮޑުވުމާއި އިންތިހާއަށް ހޫނުގަދަވުމުގެ ނުރައްކަލަށް ގާތްގަނޑަކަށް 90 މިލިޔަން މީހުން ހުށަހެޅިފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ރެފިއުޖީ އޭޖެންސީން (ޔޫއެންއެޗްސީއާރު) ބުނެފިއެވެ. ތުރުކީވިލާތުގެ އަންތާލިޔާގައި ބާއްވާ އދގެ މޫސުމީ ބައްދަލުވުން، ކޮޕް31 ގެ ކުރިން ނެރުނު ރިޕޯޓުގައި އެ އިދާރާއިން ބުނީ، ގެދޮރު ގެއްލިފައިވާ މީހުންގެ ހަތަރުބައިކުޅަ ތިންބައި ދިރިއުޅެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް ފަދަ ނުރައްކާ ބޮޑު ގައުމުތަކުގައި ކަމުގައެވެ. މިއީ، ހަނގުރާމައާއި، ރެފިއުޖީންގެ ހާލަތާއި، މޫސުމީ ކާރިސާތަކުގެ މެދުގައިވާ ގުޅުން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މާހިރުން ވިދާޅުވެއެވެ.

"މޫސުމަށް ހޭނުމަކީ ދިރިހުރުމާ ގުޅިފައިވާ ކަމެއް،" ޔޫއެންއެޗްސީއާރުގެ އޮޕަރޭޝަންސްއާ ބެހޭ އެސިސްޓެންޓް ހައި ކޮމިޝަނަރު އެންޓޯން ލައިސް ގަރްސިއާ ވިދާޅުވިއެވެ. އަދި، އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ލިބެންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ސޫދާނުގެ އަހުލީހަނގުރާމައިން ސަލާމަތްވެގެން ޗާޑަށް ދިޔަ ރެފިއުޖީންނަށް ބޯފެން ހޯދުމަށް ދިގު ރާސްތާއަކަށް ހިނގަންޖެހިފައިވާއިރު، އާދަޔާހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކޯރުތައް ހިކި، އަސާސީ ހިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެނބުރި ގައުމަށް ދިޔަ ރެފިއުޖީންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މީހުން ދިޔައީ ނުރައްކާތެރި މޫސުމީ ކާރިސާތަކަށް ހުށަހެޅިފައިވާ ގައުމުތަކަށް ކަމުގައި ޔޫއެންއެޗްސީއާރު ގެ ރިޕޯޓުގައި ބުނެފައިވެއެވެ. ސޫރިޔާގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު އަލުން ހާލުގައި ޖެހިފައިވާއިރު، އެލް ނީނިއޯގެ ސަބަބުން އިރުމަތީ އެފްރިކާގައި 3 މިލިޔަން މީހުންގެ ގެދޮރު ގެއްލިދާނެ ކަމުގައި މި ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އަދި، އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ނުރައްކާތެރި މިންވަރަށް ހޫނުގަދަވާނެ ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ނާޒުކު ގައުމުތަކަށް ލިބެނީ މޫސުމީ މާލީ އެހީގެ އެންމެ %10 ކަން ވެސް ޔޫއެންއެޗްސީއާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު ބޭނުންވާ 305 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމުގައި މުއްސަނދި ގައުމުތައް ފަސްޖެހިފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއާއެކު، ރެފިއުޖީންނާއި ނާޒުކު މުޖުތަމައުތައް ސަލާމަތްކުރުމަށް ޓަކައި، ކޮޕް31 ބައްދަލުވުމުގައި މާލީ އެހީ އިތުރުކުރުމަށް ޔޫއެންއެޗްސީއާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.