ޚަބަރު

މައްކާ ދިފާއީ އެއްބަސްވުން ތުރުކީން ފާސްކޮށް، އަސްކަރީ އެހީގެ މަގު ފަހިކޮށްފި


ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރިޔާޟަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭ ގޮތަށް، ތުރުކީވިލާތާއި ސަޢުދީ އަދި ޕާކިސްތާނުގެ ދެމެދުގައި ސޮއިކޮށްފައިވާ 'މައްކާ ދިފާއީ އެއްބަސްވުން' ތުރުކީވިލާތުގެ ބަރުލަމާނުން ފާސްކޮށްފިއެވެ. ނޮވެންބަރު 6 ވަނަ ދުވަހުގެ ހެނދުނު ތުރުކީވިލާތުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި މި ދިފާއީ މުއާހަދާގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ އެއްވެސް ގައުމަކަށް ދޭ ކޮންމެ ހަމަލާއަކީ ހުރިހާ ގައުމަކަށް ވެސް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ.

މި އިއްތިހާދަކީ އެހެން ގައުމުތަކަށް ހަމަލާދިނުމުގެ ބަދަލުގައި ހަމައެކަނި "ދިފާއީ ބޭނުމަށް" ހާއްސަކޮށްފައިވާ އިއްތިހާދެއް ކަމުގައި ތުރުކީވިލާތުގެ ބަރުލަމާނުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ފުއާތު އޮކްތާއި ވިދާޅުވިއެވެ. ޖުމުލަ 600 ގޮނޑި ހިމެނޭ ތުރުކީވިލާތުގެ ބަރުލަމާނުގައި ނެގި މި ވޯޓުގައި، އެއްބަސްވުމަށް ތާއީދުކޮށް 279 މެންބަރުން ވޯޓު ދެއްވި އިރު، އެ މުއާހަދާއާ ދެކޮޅަށް ވޯޓު ދެއްވީ 119 މެންބަރުންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސަޢުދީގެ މައްކާގައި، އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސަޢުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އަރްދޮޣާންގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ. މި އިސްވާރުން ވަނީ ގުޅިފައިވާ ރައްކާތެރިކަން ވަރުގަދަކޮށް، ދިފާއީ ގުޅުން ބަދަހިކުރުމާއެކު ސަރަހައްދާއި މުޅި ދުނިޔޭގެ ސުލްހަމަސަލަސްކަން ކުރިއެރުވުމަށް އަޒުމު ކަނޑައަޅުއްވާފައެވެ.

އެއްބަސްވުމުގެ ދެލިކޮޕީގައި ވާގޮތުން، ބައިނަލްއަގުވާމީ ގާނޫނުތަކަށާއި ގައުމުތަކުގެ ސަރަހައްދީ އިމަށް އިހުތިރާމުކޮށް، ދާހިލީ ކަންކަމާ ނުބެހި، ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ހިދުމަތްކުރަން އެދޭ އެހެން ގައުމުތަކަށް ވެސް މި މުއާހަދާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ. އަދި، ދައުލަތްތަކުގެ އިސްތިގުލާލީ ހަމަހަމަކަމަށް އިހުތިރާމްކުރުމާއެކު، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަށް ޝައުގުވެރިވާ ކޮންމެ ގައުމަކަށް ވެސް މި ދިފާއީ އިއްތިހާދާ ގުޅުމުގެ ފުރުސަތު ފަހިވެފައި އޮތް ކަމުގައި އެ ފަހުމުނާމާގައި ވަނީ ބަޔާންކޮށްފައެވެ.