ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓަރސް ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި 3 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޝެލްޓަން ޖާގަހޯދީ ފަރަންސޭސިވިލާތުގެ އަރތަރ ރިންޑަރކްނެކް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު 3-6 އިން ކާމިޔާބުކޮށް ފެށުން ރަނގަޅުކުރީ ރިންޑަރކްނެކްއެވެ. ނަމަވެސް ޝެލްޓަންވަނީ ޖެހިގެން އައި ދެވަނަ ސެޓުގައި އޭނާގެ ކުޅުން ރަނގަޅުކޮށް 6-4 އިން އެ ސެޓު ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މިމެޗު ގެންގޮސްފައެވެ. އަދި ފަހު ސެޓު ވާދަވެރި ކުޅުމަކަށްފަހު ޓައި ބްރެކަކަށް ގޮސް 7-5 އިން ކާމިޔާބު ކޮށްފައިވަނީ ޝެލްޓަންއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޝެލްޓަން ވާދަކުރާނީ 12 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް އާއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޕޯލް ޖާގަހޯދީ ފަރަންސޭސިވިލާތުގެ ކުއެންޓިން ހޭލީސް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-3އިން ޕޯލް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ.
މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އިޓަލީވިލާތުގެ މަޓިއޯ ބެރެޓީނީ ބައްދަލުކުރަން އޮތް މެޗު ބެރެޓީނީއަށް އަނިޔާވެ މެޗު ދޫކޮށްލުމާއެކު އަލްކަރާޒްއަށްވެސް ވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ވެފައެވެ. ކުއާޓަރ ފައިނަލްގައި އަލްކަރާޒް ވާދަކުރާނީ 11 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާއެވެ. ފްރިޓްޒް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ 6 ވަނައަށް ސީޑު ކުރެވިފައިވާ ފަރަންސޭސިވިލާތުގެ އަރތަރ ފިލްސް އާއި ބައްދަލުކުރި މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދާފައިވާ އަނެއް ހަތަރު ކުޅުންތެރިންނަކީ ނޯވަކް ޖޯކޮވިޗް ބަލިކޮށް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ރިންކީ ހިޔިކާޓާ އާއި ލޮރެންޒޯ މުސޭޓީ ބަލިކޮށްފައިވާ ލޫކާ ވެން އާޝާ އާއި ކެސްޕަރ ރޫޑް އަދި ނީނޯ ބޯގެސްއެވެ.