އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސަރސްއިން ކާމިޔާބު ކޮށްފިއެވެ.
ޑެޓްރޮއިޓްގެ ލިޓްލް ސީޒާރސް އެރީނާގައި ކުޅުނު މިމެޗު ސިކްސަރސް ކާމިޔާބު ކޮށްފައިވަނީ 112 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ފެށިގެން ނިމެންދެން ލީޑުގައި އޮތީ ސިކްސަރސްއެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި އެޓީމުން 8 ޕޮއިންޓުގެ ލީޑެއް ނެގިއިރު ދެވަނަ ކުއާޓަރގައި އިތުރަށް ހޯދި 6 ޕޮއިންޓުގެ ލީޑާއެކު ފުރަތަމަ ހާފް ނިންމާލީ 14 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. އަދި ތިންވަނަ ކުއާޓަރގައި ސިކްސަރސްއަށް 2 ޕޮއިންޓުގެ ލީޑެއް ނެގުނު އިރު ފަހު ކުއާޓަރގައި ޕިސްޓަންސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް ކުރެވުނުހާވެސް ކަމަކީ ދެޓީމުގެ ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް ކުޑަކުރުމެވެ.
މިމެޗުގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ އެއް އެސިސްޓް ކުރި ޖޭލެން ބްރައުންއެވެ. މީގެއިތުރުން ޖޮއެލް އެމްބިޑްވަނީ 26 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައި 2 އެސިސްޓް ކޮށްފައެވެ. ޕިސްޓަންސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދިން ޑަންކަން ރޮބިންސަން އާއި 26 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައި 11 އެސިސްޓް ކުރި ކޭޑް ކަނިންގހަމެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު މިނެސޯޓާ ޓިމްބަރވުލްވްސް އަތުންވަނީ ހިއުސްޓަން ރޮކެޓްސް 117 ޕޮއިންޓް 107 ޕޮއިންޓުން ބަލިވެފައެވެ. މިމެޗުގައި ޓިމްބަރވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 6 އެސިސްޓް ކުރި އަޔޯ ޑޮސުންމޫ އާއި 20 ޕޮއިންޓް ހޯދައިދީ 2 ރީބައުންޑް ނަގާ 6 އެސިސްޓް ކުރި ލަމޭލޯ ބޯލްއެވެ. ރޮކެޓްސް އަށް ބަލާލާއިރު ކެވިން ޑުރާންޓް 21 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 2 އެސިސްޓް ކުރިއިރު އަލްޕެރެން ސެންގުންވަނީ 17 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދައިފައެވެ.
މިމުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 135 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބު ކޮށް ނިކްސް މިވަނީ އެޓީމު އެންމެ ފަހުން ކުޅުނު 4 މެޗުވެސް ކާމިޔާބު ކޮށް އެޓީމު ހަމަޔަކަށް އެޅެމުންދާކަން ހާމަކުރަމުންނެވެ. އަދި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޓްރެއިލް ބްލޭޒަރސްއެވެ.