ޔުއޭފާ ޔޫރޮޕާ ލީގުގެ އެންމެ ކުރީގައި އުޅޭ އިންގްލިޝް ޕްރިމިއަރ ލީގުގެ ބޯންމަތާއި ޕޯޗުގަލްގެ ބެންފީކާ ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށް ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓައިފިއެވެ.
ބޯންމަތު މޮޅުވެފައިވަނީ ރަށުން ބޭރުގައި ސްޕާޓާ ޕްރާގާއި ވާދަކޮށް ފަހަތުން އަރައި 3-1 ލަނޑުންނެވެ. ސްޕާޓާ ޕްރާގްގެ އިޕެޓް އެރީނާގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބޯންމަތުންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕާޓުންނެވެ. މެޗުގެ 35 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެބްރިބާ ސިންހަޓެހްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ސްޕާޓާގެ ޓޯބިއަސް ގުޑާލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައި އެޓީމަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ބޯންމޯތުގެ ފުރަތަމަ އެގާރައިން އާންމުކޮށް ފެންނަ ގިނަ ކުޅުންތެރިން ބެންޗުން ފެށި މިމެޗުގެ ދެވަނަ ހާފްގައި މީގެ ތެރެއިން ބައެއް ކުޅުންތެރިން ކުޅެން އަރާފައިވެއެވެ. ބޯންމަތުން މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޓައިލަރ އެޑަމްސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މިމެޗުގައި ބޯންމަތުން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 81 ވަނަ މިނެޓުގައި އެވަނީލްސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ރަޔަންއެވެ. މިކާމިޔާބީއާއެކު ބޯންމަތު މިވަނީ މިހާތަނަށް ޔޫރޮޕާ ލީގުގައި ކުޅުނު 4 މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި މިވަގުތު ބޯންމަތު އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ސްޕާޓާ އުޅެނީ 4 ޕޮއިންޓާއެކު ތާވަލްގެ 22 ވަނައިގައެވެ.
މިމުބާރާތުގެ ތާވަލްގެ އެއްވަނައިގާ ފައިދާ ގޯލަށް ބަލާއިރު އުޅޭ ބެންފީކާ އާއި ޕޯލަންޑްގެ ލެޗް ޕޮޒްނާން ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެންފީކާއެވެ. ބެންފީކާގެ އެސްޓާޑިއޯ ޑޮ ސްޕޯޓް ލިސްބާއޮ އެ ބެންފީކާގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެންފީކާއިންނެވެ. އަދި ބެންފީކާއިން ވަނީ މެޗުގެ 6 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަފާއެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި ޖިއާންލޫކާ ޕްރެސްޓިއާނީ ކާމިޔާބު ކޮށްދިން ލަނޑުން ބެންފީކާއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ޕޮޒްނާން އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއޯ ބެންގޓްސަންއެވެ. އަދި ބެންފީކާގެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހިއޯހީ ސުޑަކޯވްއެވެ.
މިކާމިޔާބީ އާއެކު ބެންފީކާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭއިރު ޕޮޒްނާން އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 35 ވަނައިގައެވެ.