ޔުއޭފާ ޔޫރޮޕާ ލީގުގައި ހަންގޭރީއަށް ނިސްބަތްވާ ފެރެންސްވާރޯސް އަތުން އިޓާލިއަން ސެރީއާގެ އޭސީ މިލާން ބަލިވެއްޖެއެވެ.
މިލާންގެ އަމިއްލަ ދަނޑު ކަމަށްވާ ސެންސީރޯގައި ކުޅުނު މިމެޗު ފެރެންސްވާރޯސް ކާމިޔާބު ކޮށްފައިވަނީ 2-0 ލަނޑުންނެވެ. މިއީ މިސީޒަންގައި ޔޫރޮޕާ ލީގުގައި މިލާން މިހާތަނަށް ކުޅުނު 4 މެޗުގެ ތެރެއިން ބަލިވި 3 ވަނަ މެޗެވެ. މިލާނުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމަށް ފެރެންސްވާރޯސްގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި މިމެޗުގައި 15 ހަމަލާ އެޓީމުން އުފެއްދި އިރު ފެރެންސްވާރޯސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ 2 ހަމަލާއެވެ. މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މިމެޗުގައި ފެރެންސްވާރޯސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައިފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 7 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފަރ ޒަކާރިއާސެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެނީ ޖޯސެފެވެ. އަދި މިމެޗުގައި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ޖޯސެފެވެ. މިމެޗުގެ 77 ވަނަ މިނެޓްގައި ފެރެންސްވާރޯސްގެ ބަމިޑެލޭ ޔޫސުފަށް ރަތް ކާޑެއް ދެއްކުމާއެކުވެސް މިލާންއަށް އޭގެ ފައިދާ ނެގޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ފެރެންސްވާރޯސް މިހާރު އުޅެނީ މިފަހަރުގެ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު 4 މެޗު ކާމިޔާބު ކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. އެއީ އެންމެ ކުރީގައި އުޅޭ ބޯންމަތާއި ބެންފީކާ އާއި ޕޮއިންޓުގެ ގޮތުން ހަމަ ހަމަވިޔަސް ފައިދާ ގޯލަށް ބަލާއިރު އެ ދެޓީމަށް ކުރި ލިބޭތީއެވެ. އަދި މިލާން އުޅެނީ 3 ޕޮއިންޓާއެކު ތާވަލްގެ 28 ވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު އޮލިމްޕިކް މާސޭ އާއި ބަޔަރ ލެވަކޫސެން ބައްދަލުކުރި މެޗު 1-0 މާސޭ ކާމިޔާބު ކުރިއިރު ސެލްޓިކް އާއި ބެސިކްޓާސް ބައްދަލުކުރި މެޗު 3-2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސެލްޓިކެވެ. އަދި ލެވްސްކީ ސޯފިއާ އާއި ޖަގިއެލޯނިއާ ބައްދަލުކުރި މެޗު 1-0 ލަނޑުން ސޯފިއާ ކާމިޔާބު ކުރިއިރު އެންޑަރލެކްޓާއި އާރްބީ ސާލްސްބަރގް ބައްދަލުކުރި މެޗު 2-0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެންޑަރލެކްޓެވެ.