ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބާއްވާ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން އަންނަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރެވޭނީ ރަޖިސްޓަރކޮށްފައިވާ ކުލަބުތަކަށެވެ. ބައިވެރިވުމަށް އެދޭ ފޯމް ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި މުބާރާތުގެ ކުޅުން އޮންނާނީ ކުޅުދުއްފުށި ސިޓީގައި ހުންނަ ގައުމީ ބީޗް ހޭންޑްބޯޅަ އެރީނާގައެވެ.
ހޭންޑްބޯލް މޯލްޑިވްސްއިންދަނީ ރާއްޖޭގައި ހޭންޑްބޯޅަ އާއި ބީޗް ހޭންޑްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމަށް ރާއްޖެ ޖޫނިއާ ހޭންޑްބޯޅަ މުބާރާތް ދާދިފަހުން ބާއްވާފައިވާއިރު މޮޅެތި ކުޅުންތެރިން މިމުބާރާތުންވެސް ވަނީ ގިނަ ކުޅުންތެރިން ފާހަގަވެފައެވެ.
އޭގެ އިތުރުން ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުންވަނީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެފަދަ އެއް ކާމިޔާބީއަކީ އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދިޔަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް މުބާރާތުގެ ހަތްވަނަ ރާއްޖެއަށް ލިބުމެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯލަ މުބާރާތް ކަމަށްވާ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް"ގައިވެސް ގައުމީ ޓީމުވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދިއިރު، ރާއްޖެއިން ވަނީ 2-1 ސެޓުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑެލް ހާސިލުކޮށްފައެވެ.