31 ވަނަ ޓޭބަލްޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލްއާއި މަލާކް ބިންތި މުޢިއްޒު ހޯދައިފިއެވެ.
ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، ޝައްފާން ހޯދީ ފައިނަލުގައި މޫސާ މުންސިފްގެ މައްޗަށް ސީދާ 4 ސެޓުން ކުރި ހޯދައިގެންނެވެ. މިމެޗުގެ ސެޓުތައް ޝައްފާން ކާމިޔާބުކުރީ 11-02، 11-08، 11-07 އަދި 11-06 އިންނެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން މަލާކް ހޯދާފައިވާއިރު، އޭނާވަނީ ފައިނަލުގައި އާއިޝަތު މަލަކް ތަސީން 4 ސެޓުން ބަލިކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ ސެޓުތައް މަލާކް ގެންދިޔައީ 11-08، 11-08، 11-09 އަދި 11-08 އިންނެވެ.
މުބާރާތުގެ އިތުރު ވަނަތަކަށް ބަލާއިރު، ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ޝައްފާން އިސްމާއިލާއި މުހައްމަދު ޚަލަފް ރާފިޢުގެ ޕެއާއެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މިޝްކާ މުހައްމަދު އިބްރާހިމާއި އާއިޝަތު މަލަކް ތަސީންގެ ޕެއާއެވެ. އަދި މި ޑިވިޝަނުގެ މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ މޫސާ މުންސިފާއި މަލާކް ބިންތި މުއިއްޒުގެ ޕެއާއެވެ.
31ވަނަ ޓޭބަލްޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަލީ ނިޝާމްއެވެ. ރަނަރަޕްކަން ހޯދާފައިވަނީ އިމްރާން އިބްރާހިމެވެ.
މުބާރާތް ކުރިއަށްދިޔައީ މިދިޔަމަހުގެ 29 އިން މިމަހުގެ 5 ގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައެވެ. މިމުބާރާތުގައި ދެ ޑިވިޝަނުން 110 ކުޅުންތެރިން ވާދަކުރިއިރު، 365 އަށްވުރެ ގިނަ މެޗު މުބާރާތުގައިވަނީ ކުޅެފައެވެ.