ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް ފަށައިފިއެވެ.
ޖުމްލަ 121 ސްކޭޓަރުން ވާދަކުރާ މިމުބާރާތުގައި މިފަހަރު އަތޮޅުތެރެއިންވެސް ސްކޭޓަރުން ވަނީ ބައިވެރިވެފައެވެ. މާލޭ ސްކޭޓް ޕާކުގައި ބުރާސްފަތިދުވަހުގެ ހަވީރު މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ ކުރިއަށްދިޔައީ ފެސްޓިވަލް ސްޓައިލަށް 5 އަހަރުންދަށުގެ ކުދިންނަށް ކުރިއަށްގެންދިޔަ ހަރަކާތުންނެވެ. މިމުބާރާތުގެ ޓްރެކް އިވެންޓްތައް މާލޭ ސްކޭޓް ޕާކުގައި ކުރިއަށްދާއިރު، ރޯޑް އިވެންޓުތައް ކުރިއަށްދާނީ ހުޅުމާލޭ ފޭސް 2 ގައެވެ.
5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތުގައި ވާދަކުރަނީ މައުރޫފް ސްޕީޑް ސްކޭޓިން ކުލަބުގެ 38 ކުދިންނާއި، ސަންޝައިން ސްޕޯޓްސް އެކަޑަމީގެ 22 ކުއްޖެއްގެ އިތުރުން ސްކޭޓް މޯލްޑިވްސްގެ 41 ކުއްޖެކެވެ. މީގެ އިތުރުން އައްޑޫ ސްކޭޓް ކުލަބުގެ 18 ކުއްޖަކުވެސް މިމުބާރާތުގައި ފެނިގެންދާނެކަމަށް ސްކޭޓް މޯލްޑިވްސްއިންވަނީ މައުލޫމާތުދީފައެވެ.
މުބާރާތުގައި ސްކޭޓަރުން ވާދަކުރާ އުމުރުފުރާތަކަކީ 5 އަހަރާއި، 7 އަހަރާ ދެމެދު، 7 އަހަރާއި 9 އަހަރާ ދެމެދު، 9 އަހަރާއި 11 އަހަރާ ދެމެދު، 11 އަހަރާއި 13 އަހަރާ ދެމެދު އަދި 13 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.
މިއީ މާލޭގައި އަލަށް ތަރައްޤީ ކުރި ސްކޭޓް ޕާކުގައި ބާއްވާ ދެވަނަ މުބާރާތެވެ. ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ސްކޭޓަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ވާދަވެރި މާހައުލެއްގައި ހުނަރުތައް ތަރައްގީކުރުމަށް ދޮރުތައް ހުޅުވައިދިނުމެވެ. 5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް ކުރިއަށްދާނީ މިމަހުގެ 5 އިން 7 ގެ ނިޔަލަށެވެ.