މި އަހަރުގެ ބަލޮންޑިއޯ އެވޯޑް ހާސިލުކުރި އިންގްލޭންޑްގެ ފޯވަޑް ހެރީ ކޭން ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ކޭން ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް އެ ކުލަބުން ވަނީ 2029 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރުވުމަށް ނިންމާ އެއްބަސްވުމުގެ ސޮއިކޮށްފައެވެ.
2023 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރއިން 86 މިލިއަން ޕައުންޑްގެ ފީއަކަށް ބަޔާން މިއުނިކާއި ގުޅުނު ހެރީ ކޭން ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 51 މެޗުގައި 61 ލަނޑު ޖަހައި ކުލަބުގެ ރެކޯޑެއް ހަދާފައެވެ. ބަޔާނުން މިދިޔަ ސީޒަނުގައި ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ދެ މުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ.
ހެރީ ކޭންއާއެކު ބަޔާނުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިއިރު އޭނާ ހޯދުމަށް ބާސެލޯނާގެ އިތުރުން ސައުދި އަރަބިއްޔާގެ ކުލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މީޑިޔާ ރިޕޯޓްތައްވަނީ ބުނެފައެވެ.
ބުންޑެސްލީގާގައި ހެރީ ކޭން ކުޅުނު 102 މެޗުގައި 102 ގޯލު ޖަހާފައިވާއިރު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރުމަތިން ބުންޑެސްލީގާގެ ރަން ބޫޓު ހޯދާފައެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 65 މެޗުގައި 73 ލަނޑު ޖަހާފައިވާ ހެރީ ކޭން ބަޔާންގެ އެއްބަސްވުން އައުކުރިއިރު 2028 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ކުރިއަށް އޮތ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ކުޅޭނެތޯ އަދި ނިންމާފައެއް ނުވެއެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއިގުޅޭ ގޮތުން އޭނާ ވާހަކަ ދައްކާފައެއްވެސް ނުވެއެވެ.