މުސާރައާ މެދު ހިތްހަމަނުޖެހި، ބަންގްލަދޭޝްގެ އަންނައުނު ކާރުހާނާތަކުގައި މަސައްކަތް ކުރާ މީހުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އަންނައުނު ކާރުހާނާތައް އަނެއްކާ ވެސް ބަންދުކޮށްފިއެވެ.
ބަންގްލަދޭޝްއަކީ ޗައިނާއަށް ފަހު އެންމެ ގިނައިން އަންނައުނު އެކްސްޕޯޓު ކުރާ ގައުމެވެ. އެ ގައުމަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ އެ ދާއިރާއެވެ. ބަންގްލަދޭޝްގެ ގާތްގަނޑަކަށް 4 މިލިއަން މީހުން އަންނައުނު އުފައްދާ ކާރުހާނާތަކުގައި މަސައްކަތްކުރާއިރު، އިގްތިސާދުގެ 10 އިންސައްތަ ވެސް އެ ދާއިރާއިން ހިއްސާކުރެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އަންނައުނު ކާރުހާނާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އެ މީހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށް ދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ މަގުތަކުގައި މުޒާހަރާ ކޮށްފައެވެ. އެ ގޮތުން މިހާރު މުސާރައިގެ ގޮތުގައި ލިބޭ 12،500 ޓަކަ ނުވަތަ 241.55 އެމެރިކާ ޑޮލަރު, 35،000 ޓަކައަށް އިތުރުކުރުމަށް އެ މީހުން ދަނީ ޝަރުތުކުރަމުންނެވެ. އެ މީހުން ވަނީ މަގުތައް ބަންދުކޮށް، ކާރުހާނާތަކަށް ގެއްލުންދީ، ފުލުހުންނާ ކުރިމަތިލައިފައެވެ. މުޒާހަރާތަކާ ގުޅިގެން 679 އަންނައުނު ކާރުހާނާއެއްގެ މަސައްކަތް ވަނީ މެދުކަނޑާލައިފައެވެ.
ހާލަތު ގޯސްވެފައިވަނިކޮށް އެ ކަން ރަނގަޅު ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ މުސާރަތައް މުރާޖައާ ކުރުމަށް ހަ މެންބަރުންގެ މައްޗަށް އެކުެލެވޭ އައު ކޮމިޓީއެއް އުފައްދައިފައެވެ. ނޮވެމްބަރު މަހުގެ 4ވަނަ ދުވަހު އެ ބޯޑުން ވަނީ ޑިސެމްބަރު މަހުން ފެށިގެން އައު މުސާރަ އޮނިގަނޑަކަށް އަމަލުކުރުމަށް ނިންމާފައެވެ. މި ބަދަލާއެކު އައު އަދަދުތައް ބޭނުންކޮށްގެން ހިސާބުކުރާ މުސާރައިން މަސައްކަތްތެރިންނަށް ލިބޭނީ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މުސާރައަށް އަންނާނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް ސަރުކާރުން ބުނެފައެއް ނުވެއެވެ.
އެ ނިންމުމާއެކު ނޮވެމްބަރު މަހުގެ 5ވަނަ ދުވަހު، އަޝޫލިއާގައި ދިރިއުޅޭ މަސައްކަތްތެރިން ވަނީ އަލުން ކާރުހާނާތަކަށް ދާން ފަށައިފައެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ އަނެއްކާ ވެސް ކާރުހާނާތައް ދޫކޮށްލައި އަލުން މުޒާހަރާ ކުރަން ނިކުމެފައެވެ. މުހިންމު ހައިވޭއެއް ބައްދާލައި އެ މީހުން ބުނަމުން ދަނީ މުސާރައަށް އަންނާނެ ބަދަލު ސަރުކާތަށް ސާފުކޮށް ބުނެދެވެން ޖެހޭނެ ކަމަށެވެ. މުޒާހަރާތައް ރޫލައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ސައުންޑް ގްރެނޭޑް ބޭނުންކޮށްފައެވެ. އެ ދުވަހު އެކަނި ވެސް 100އަށްވުރެ ގިނަ ކާރުހާނާގެ މަސައްކަތްތައް ވަނީ ހުއްޓުކަމަށް އައިސްފައިވެއެެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ތަކެތީގެ އަގު އުފުލެމުންދާއިރު، އެ މީހުންނަށް މުސާރައިގެ ގޮތުގައި ލިބޭ މަދު ލާރިކޮޅުން ހަރަދުބަރަދު ނުބެލެހެއްޓޭ ކަމަށެވެ.