އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެދު ދައުރުގެ އިންތިހާބުގައި ރިޕަބްލިކަނުންގެ މައްޗަށް ޑިމޮކްރަޓުން ކުރި ހޯދައި ލިބުނު ކާމިޔާބީއަށް ފަހު، އަލަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއިން ކުރާ ވިޔަފާރިތައް ތަހުގީގު ކުރަން ޑިމޮކްރަޓުން ނިންމައިފިއެވެ.
2028ވަނަ އަހަރުގެ އިންތިހާބުގެ ކެންޕޭނުގައި ޑިމޮކްރަޓުން އެންމެ އިސްކަންދޭ އެއް ކަމަކަށް ވާނީ ކޮރަޕްޝަން ނައްތައިލުމެވެ. މެދު ދައުރުގެ އިންތިހާބުގައި ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބުމާއެކު ރިޕަބްލިކަނުންގެ އަމަލުތައް ތަހުގީގުކުރާނެ ކަމަށް އެ ޕާޓީއިން ވަނީ ވަގުތުން ބުނެފައެވެ. އެ ފަދަ އިޝާރާތްތައް ކުރައްވައި ޑިމޮކްރަޓުންގެ ތެރެއިން ގާނޫނުހަދާ މަޖިލީހުގައި ތިއްބަވައި ބައެއް މެންބަރުން ވަނީ މީސްމީޑިއާގައި ޕޯސްޓުތައް ޝާއިއު ކުރައްވައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހިންގުމާއި އިސްވެރިން ތަހުގީގުކުރާ ހައުސް އޯވަސައިޓް ކޮމިޓީގެ މުގައްރިރުކަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރޮބަރޓް ގާސިއާއާއި، މާލީ ކަންކަމާ ގުޅޭ ސެނެޓު ފައިނޭންސް ކޮމިޓީގައި އިސްކޮށް ހުންނަވާނެ ރޮން ވައިޑެންއާއި ޑެލިއާ ރަމިރެޒް ވެސް ހިމެނިވަޑައިގަންނަވައެވެ.
ޑިމޮކްރަޓުންގެ ކޮމިޓީ ލީޑަރުން ވަނީ ޓްެރަމްޕްގެ ސަރުކާރާއި ބޮޑެތި ކުންފުނިތައް ތަހުގީގުކުރާނެ ގޮތާގުޅޭ ގޮތުގެ މައްޗަށް ވެސް ކޮންމެވެސް ވަަރަކަށް އަލިއަޅުވާލައްވައިފައެވެ. ވައިޑެން ވިދާޅުވީ ޓްރަމްޕްގެ ސަރުކާރާއި ބޭސް އުފައްދާ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުންތައް ބަލައި، ބޭހުގެ އަގުތައް ކަނޑައެޅުގައި ގޯހެއް އުޅޭތޯ ބަލާނެ ކަމަށެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށާއި، ތަހުގީގުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ލައުރެން ބިސް ވިދާޅުވީ އެއްވެސް ތާކުންތާކު ނުޖެހޭ ތަހުގީގުތައް ކޮށް، އެންމެ ވައަތު ފިޔައިގެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތް ކުރާނަމަ ޑިމޮކްރަޓުން އެ ނިންމަނީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ. ވައިޓް ހައުސްގެ އެހެން އިސް ބޭފުޅަކު ވަނީ މައި ސަރުކާރު އަދިވެސް އޮތީ ރިޕަބްލިކަނުންގެ ބާރުގެ ދަށުގައި ކަން ހަނދުމަކޮށްދެއްވައި، މައި ސަރުކާރުގެ ހުރިހާ ބާރެއް ވެސް ވަނީ ސަރުކާރުގެ މުށުތެރޭގައި ކަމަށް ވިދާޅުވެފައެވެ.
ޑިމޮކްރަޓުންގެ ތަހުގީގުތައް އަމާޒުވާނެ ކަމަށް ބެލެވެނީ ރިޕަބްލިކަނުންނަށް ތާއީދުކުރައްވާ އަދި ހަރަދުކުރައްވާ ޓެކް ވިޔަފާރިވެރިޔާ އީލޮން މަސްކްއާއި، ޓްރަމްޕްގެ ފިރިހެން ދަރިދަރިކަލުންނާއި ޕާޓީއަށް ހަރަދުކުރާ ބައެއް އިތުރު ރިޕަބްލިކަނުންނާއި ކޮންޓްރެކްޓަރުންނަށެވެ.