ޚަބަރު

ދީނީ ޕާޓީގެ ތާއީދު ނަތަންޔާހޫއަށް ގެއްލި ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އިދިކޮޅަށް


ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުވަޒީރުގެ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހު ބޭއްވި ޔަހޫދީންގެ އާންމު އިންތިހާބުގައި ވަކި ޕާޓީއަކަށް ކުރި ހޯދިފައެއް ނުވެއެވެ. ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި 120 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ގާނޫނުހަދާ މަޖިލީހުގެ 53 ގޮނޑި ނަތަންޔާހޫއަށް ތާއީދުކުރާ، އޭނާގެ ލިކުޑް ޕާޓީއާއި ހަރުކަށި ކަނާތު ފިޔައާއި ޔަހޫދީ ދީނީ ފިކުރު އިސްކުރާ އަލްޓްރާ އޯތޮޑޮކްސް ޕާޓީތަކުން ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެެއިން ލިކުޑަށް ލިބިފައި ވަނީ 27 ގޮނޑިއެވެ. ނަތަންޔާހޫއާ ވާދަކުރާ ގާޑީ އައިޒެންކޮޓްއަށް ތާއީދުކުރާ ޕާޓީތަކުން ކާމިޔާބުކޮށްފައި ވަނީ 48 ގޮނޑިއެވެ. އޭގެ އިތުރުން ޢަރަބި ޔަހޫދީން 19 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ.

މަޖިލީހުގެ އަގުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ލިބިފައި ނުވާއިރު، ޔަހޫދީންގެ ދީނީ ޕާޓީއިން ނަތަންޔާހޫއާއި އައިޒެންކޮޓްއާ ދެ މީހުން ކުރެ އެއްވެސް މީހަކަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.

ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތު އެއްވެސް ބަޔަކަށް ނުލިބުމުން، ބޮޑަށް ރަމްޒީ މަގާމެއް ކަމަށްވާ ރައީސްގެ މަގާމުގައި ހުންނަ އައިޒިކް ހަރޒޮގްގެ މަސައްކަތް ވަނީ ބުރަވެފައެވެ. އޭނާއަށް އޮންނަ މައި ޒިިންމާއަކީ ބައިބައިވެފައިވާ ދައުލަތެއްގައި ސަރުކާރެއް އެކުލަވައިލުމަށް އެންމެ ރަނގަޅުވާނެހެން ހީވާ ކެންޑިޑޭޓަކު ނިންމުމެވެ. ހަރޒޮގް ވަނީ ސަރުކާރު އެކުލަވައިލުމާ ގުޅޭ ގޮތުން ކުދި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައެވެ. އަދި ސަރުކާރު އެކުލަވައިލުމަށް ހޮވާނީ ކާކުތޯ ނިންމުމަށް ނަތަންޔަހޫއާއި އައިޒެންކޮޓްއާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން ހަރޒޮގް ގޮތެއް ނިންމަން ޖެހޭނެއެވެ.

ބޮޑުވަޒީރުގެ މަގާމުގައި ދެމިހުރުމަށް ނަތަންޔާހޫއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޔަހޫދީންގެ އެންމެ ބޮޑު ދީނީ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއިން ސަރުކާރު އެކުލަވައިލުމަށް ވަކި ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމަށް ދެކޮޅު ހެދުމެވެ. އެ ޕާޓީއަކީ އެތައް ޒަމާނެއް ވަންދެން ނަތަންޔާހޫގެ އިއްތިހާދުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޕާޓީއެކެވެ.

ނަތަންޔާހޫއެކޭ އެއްގޮތަށް އައިޒެންކޮޓު ވެސް ވަނީ އަރަބި ދެ ޕާޓީއާއެކު އިއްތިހާދު ނުހަދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އަރަބި ދެ ޕާޓީއިން ވެސް ވަނީ ސަރުކާރު އެކުލަވައިލުމަށް އައިޒެންކޮޓްއަށް ތާއީދުކޮށްފައެވެ. ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރު ވަނީ އައިޒެންކޮޓް އެންޑޯޒްކޮށްފައެވެ.

އިއްތިހާދު ހެދުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، ވަގުތީ ގޮތުން ދައުލަތުގެ ހިންގުމާ ހަވާލުވެ ހުންނަ ބެލެނިވެރި ބޮޑުވަޒީރުގެ ހައިސިއްޔަތު ނަތަންޔާހޫ އަދާ ކުރަމުންދާނެއެވެ. އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބީ ނުލިބޭ ހިނދުގައި އައު އިންތިހާބެއް ބޭއްވެންދެން ބޮޑުވަޒީރުގެ މަގާމުގައި އޭނާ ދެމިހުންނާނެއެވެ.