ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާ ސިފަކުރާ އިނގިރޭސި ރައްޔިތުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ މިޑްޓާރމް އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާ ސިފަކުރާ އިނގިރޭސި ރައްޔިތުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ސެންޓަރ ފޯ ސޯޝަލް ރިސާޗް (ނެޓްސެން) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ޤައުމުގެ 74 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި އެމެރިކާއަކީ ދުނިޔޭގެ ސުލްހައަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
މިއީ 2024 ވަނަ އަހަރު މި ނިސްބަތް ހުރި 36 އިންސައްތައާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ. އެމެރިކާގެ މެދުދައުރުގެ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓުން ވަނީ ކޮންގްރެސްގެ 2 މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ. މި ބައްޔާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މި ނާކާމިޔާބީގެ މައިގަނޑު އެއް ސަބަބު ކަމަށް އިއުތިރާފު ވެވަޑައިގެންފައެވެ.
ނެޓްސެންގެ މި ސާވޭގެ ނަތީޖާ އިތުރަށް ދައްކާގޮތުން، ދުނިޔޭގެ މަސްލަހަތަށް ނުރައްކަލެއްގެ ގޮތުގައި އިނގިރޭސިން އެންމެ ބޮޑަށް ދެކެނީ ރަޝިއާއެވެ. އެގޮތުން 89 އިންސައްތަ މީހުން ރަޝިއާއަކީ ނުރައްކަލެއް ކަމަށް ދެކޭއިރު، ޔަހޫދީ ދައުލަތަކީ ނުރައްކަލެއް ކަމަށް 78 އިންސައްތަ މީހުން ދެކެއެވެ. އަދި އީރާނަކީ ނުރައްކަލެއް ކަމަށް 75 އިންސައްތަ މީހުން، އަދި ޗައިނާއަކީ ނުރައްކަލެއް ކަމަށް 62 އިންސައްތަ މީހުން ދެކޭކަމަށް މި ދިރާސާއިން ހާމަވެއެވެ.