2027ވަނަ އަހަރު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކުރައްވައިފިއެވެ.
މިއަދު ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހެވެ. މެމްބަރު މަމްދޫހު ހުށަހެޅުއްވީ، މި މަހު 19އިގެ ނިޔަލަށް ބަޖެޓު ދިރާސާކޮށް ނިންމުމަށެވެ. އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވަނީ، ތަޢީދު ކުރައްވާފައެވެ. އަދި އެ ހުށަހެޅުން ފާސްކުރަން ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވިއެވެ.
2027ވަނަ އަހަރަށް ހުށަހަޅާފައިވަނީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ، 64.2 ބިލިޔަން ރުފިޔާއެވެ.
މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.