ޚަބަރު

މޮންޓްރިއަލް ޕްރޮޓޮކޯލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މޮންޓްރިއަލް ޕްރޮޓޮކޯލްގެ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވޭ

  • ޖައްވީ ބަދަލުތައް މޮނިޓަރކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް މަޝްވަރާކޮށްފައިވޭ

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުމުގެ ބައިވެރިންގެ ތައްޔާރީ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސް ވަފުދަކުން ބައިވެރިވެއްޖެއެވެ. މިއީ އެމް.އޯ.ޕީގެ 38 ވަނަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޢިރުޟާ މުޙައްމަދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު ޢުސްރާގެ އިތުރުން ސީނިއަރ ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ ނަފްޙާ ޢައްބާސެވެ.

މިއަހަރުގެ ބައްދަލުވުމަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ހައިޑްރޯފްލޫރޯކާބަންސް (އެޗް.އެފް.ސީ) މަދުކުރުމަށް އެކުލަވާލި ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރާ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވިފައިވަނީ 2027 އިން 2029 އަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި، މޮންޓްރިއަލް ޕްރޮޓޮކޯލްގެ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. މީގެއިތުރުން، އެއްބަސްވުމުގެ ދަށުން ނިންމާ ނިންމުންތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމާއި، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރަޙައްދީ ފެންވަރުގައި ޖައްވީ ބަދަލުތައް މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރެވެމުންނެވެ.

ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައްޔާއި، ޚާއްޞަކޮށް އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ޤައުމެކެވެ. އެމް.އޯ.ޕީ 38 ގެ ތައްޔާރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީވެސް، މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ދަމަހައްޓަމުން އަންނަ ހަރުދަނާ ސިޔާސަތާއި އިސްނެގުން ދައްކުވައިދޭ މުހިންމު ހެއްކެކެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވެމުންދާ ކަންކަމަކީ، ރާއްޖެއަށާއި މުޅި ދުނިޔެއަށް ވެސް އޭގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަންކަމެވެ.