ޚަބަރު

ޔަހޫދީން ޣައްޒާއަށް އަނެއްކާވެސް ހަމަލާދީ ހުޅަނގު އައްސޭރިން އިތުރު ބިންތަކެއް ފޭރިގެންފި


ފަލަސްޠީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމަށް ވެވިފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މެދުތެރޭގައި ހުރި ރެފިއުޖީ ކޭމްޕަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

މި ހަމަލާގައި ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މީގެއިތުރުން، ޣައްޒާ ސިޓީގެ އެކި ސަރަޙައްދުތަކަށާއި ދެކުނުގެ ޚާން ޔޫނިސްއަށްވެސް ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ޔަހޫދީ ދައުލަތުން ދެމުންގެންދާ ހަމަލާތަކުގައި، މިހާތަނަށް ފަލަސްޠީނުގެ 1،599 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 5،700 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާއަށް ދޭ މި ހަމަލާތަކުގެ އިތުރުން، ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނު ރައްޔިތުންގެ 8 ގެއަކަށް ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒަންވެރިން ގަދަކަމުން ވަދެގަނެ، އެ ތަންތަން ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އަދި ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން އިތުރުކުރުމުގެ ނިޔަތުގައި، ޔަހޫދީންގެ މިލްކިއްޔާތެއް ކަމަށް ބުނެ ރާމަﷲ ސަރަހައްދުން 250 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ޔަހޫދީ ދައުލަތުން ވަނީ އަނިޔާވެރި ގޮތުގައި ފޭރިގެންފައެވެ.