ޔަމަނުގެ އިރުމަތީ އަލްޖައުފް ޕްރޮވިންސްގެ އަލްދާހިޟަތު ފަރުބަދަމަތީގެ ސަރަހައްދު، ޙޫޘީންގެ ހަނގުރާމަވެރިންގެ އަތުން ސަލާމަތްކޮށް، ޔަމަނުގެ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފިއެވެ.
ޔަމަނުގެ އަސްކަރިއްޔާއިން ބުނީ، އެ ސަރަހައްދުގައި ޙޫޘީންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި މުހިންމު މަރުކަޒުތަކާއި ހަތިޔާރުތައް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މިއީ މުޅި ޔަމަނުގެ ކޮންޓްރޯލް އަލުން ހޯދުމުގެ މަގްސަދުގައި ފަށާފައިވާ "އޮޕަރޭޝަން ޑޯން އޮފް ޔަމަން" ގެ ދަށުން ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން، ސަރުކާރުގެ ލަޝްކަރުން ވަނީ ތަޢިއްޒު އަދި ލަޙިޖުގައި ހުރި އަސްކަރީ ގޮތުން މުހިންމު ދިފާއީ މަގާމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އޭގެ ރައްދުގައި، ޔަމަނުގެ ދެކުނުގައި އޮންނަ އަލްދާލިޢާގައި ގާއިމުކޮށްފައިވާ އަސްކަރީ ތަމްރީނު ކޭމްޕަކަށް ޙޫޘީން ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި 8 މީހުން މަރުވެ، 15 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ޔަމަނުގެ ދާހިލީ ވަޒީރު ތުހުމަތު ކުރެއްވި ގޮތުގައި، ޙޫޘީން ހިންގަމުންދާ މިފަދަ އަސްކަރީ ހަރަކާތްތަކުގެ ފަހަތުގައި ތިބެ ކަންކަން ރާވަމުން ގެންދަނީ އީރާނާއި ޙިޒްބުﷲ ގެ އަސްކަރީ މާހިރުންނެވެ.
މި ކުރިމަތިލުންތައް އިތުރަށް ފުޅާވެ، ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ސަޢުދީ ޢަރަބިއްޔާގެ ނަޖްރާން އަދި ވެރިރަށް ރިޔާޟްގެ މަދަނީ ދިފާއީ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ސައިރަން އަޅުވައި، ސަމާލުވުމަށް އާންމުންނަށް އަންގައިފައެވެ.
އަދި ހަމަލާތައް އިތުރަށް ވަރުގަދަވެދާނެ ކަމަށް ލަފާކޮށް، ސަޢުދީގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ އެ ގައުމުގެ އޮފިޝަލުން އެ ސަރަހައްދުތަކުގެ ވައިގެ ބަނދަރުތައް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓައިލުމަށް އިލްތިމާސްކޮށްފައެވެ.