ޚަބަރު

އިންލައިން ސްކޭޓިން މުބާރާތުގައި އަތޮޅުތަކުގެ ސްކޭޓަރުންވެސް ވާދަކުރާނެ


  • މުބާރާތް ކުރިއަށްދާނީ 5 އިން 7 ގެ ނިޔަލަށް

  • ޖުމްލަ 121 އިންލައިން ސްކޭޓަރުން މުބާރާތުން ފެންނާނެ

ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް ބުރާސްފަތިދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި އަތޮޅުތެރެއިންވެސް ސްކޭޓަރުން ވާދަކުރެއެވެ. އެގޮތުން މިމުބާރާތުގައި އައްޑޫ ސްކޭޓް ކުލަބުގެ 18 ކުއްޖަކު ފެނިގެންދާނެއެވެ. މީގެ އިތުރުން މިމުބާރާތުގައި ވާދަކުރަނީ މައުރޫފް ސްޕީޑް ސްކޭޓިން ކުލަބުގެ 38 ކުދިންނާއި، ސަންޝައިން ސްޕޯޓްސް އެކަޑަމީގެ 22 ކުއްޖެއްގެ އިތުރުން ސްކޭޓް މޯލްޑިވްސްގެ 41 ކުއްޖެކެވެ.

ޖުމްލަ 121 ސްކޭޓަރުންނާއެކު މިމުބާރާތް ކުރިއަށްދާނީ މާލޭ ސްކޭޓް ޕާކުގައެވެ. މުބާރާތް ކުރިއަށްދާނީ ފެސްޓިވަލް ސްޓައިލަށް 5 އަހަރުންދަށުގެ ކުދިންނަށް ބާއްވާ ހަރަކާތަކާއެކުއެވެ. މި ހަރަކާތުގައި 6 ފިރިހެން ކުދިންނާއި 13 އަންހެން ކުއްޖަކުވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ސްޓޭންޑާޑް ރެކްރިއޭޝަން ކެޓަގަރީގައި 18 ފިރިހެން ކުދިންނާއި 17 އަންހެން ކުއްޖަކު ވާދަކުރާނެއެވެ. މީގެ އިތުރުން ސްޕީޑް ކެޓަގަރީގައި 26 ފިރިހެންކުދިންނާއި 41 އަންހެންކުދިންވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ސްކޭޓަރުން ވާދަކުރާ އުމުރުފުރާތަކަކީ 5 އަހަރާ 7 އަހަރާ ދެމެދު، 7 އަހަރާ 9 އަހަރާ ދެމެދު، 9 އަހަރާ 11 އަހަރާ ދެމެދު، 11 އަހަރާ 13 އަހަރާ ދެމެދު އަދި 13 އަހަރާ 15 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

މިމުބާރާތުގެ ޓްރެކް އިވެންޓްތައް އޮންނާނީ މާލޭ ސްކޭޓް ޕާކުގައެވެ. އަދި ރޯޑް އިވެންޓްތައް ކުރިއަށްދާނީ ހުޅުމާލޭ ފޭސް 2 ގައެވެ.

މިއީ މާލޭގައި އަލަށް ގާއިމްކުރި ސްކޭޓް ޕާކުގައި ބާއްވާ ދެވަނަ މުބާރާތެވެ. ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތްތައް ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ސްކޭޓަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ވާދަވެރި މާހައުލެއްގައި ހުނަރުތައް ތަރައްގީކުރުމަށް ދޮރުތައް ހުޅުވައިދިނުމެވެ. 5 ވަނަ ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް ކުރިއަށްދާނީ މިމަހުގެ 5 އިން 7 ގެ ނިޔަލަށެވެ.